ދުނިޔެ

23،000 ރަޝިއާ ސިފައިން މަރާލައިފިން: ޔުކްރޭން

ރަޝިއާ ސިފައިން 24 ފެބްރުއަރީގައި ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތަކަށް ޔުކްރޭން ސިފައިން ދިން ރައްދު ހަމަލާތަކުގައި 23،000 ރަޝިއާ ސިފައިން މަރުވެފައިވާ ކަމަށް ޔުކްރޭނުން ބުނެފި އެވެ.

ޔުކްރޭންގެ އަސްކަރީ އޮފިޝަލުން ބުނާ ގޮތުން ޔުކްރޭންގެ ހަމަލާތަކުގައި ރަޝިއާއަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. އެގޮތުން ރަޝިއާގެ އަސްކަރިއްޔާގައި ބޭނުންކުރާ 189 މަތިންދާ ބޯޓު ވެސް ވައްޓާލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިއާގެ 155 ހެލިކޮޕްޓަރާއި 134 ރިމޯޓްކޮންޓްރޯލް އުޅަނދު އަދި 986 ޓޭންކަރު ވެސް ހަލާކުކޮށްލާފައި ވާނެ ކަމަށް ޔުކްރޭނުން ބުނެ އެވެ. އަދި ބުނީ 435 ބޮޑުބަޑި އާއި 2،418 އަސްކަރީ އުޅަދު ވެސް ޔުކްރޭންގެ ރައްދު ހަމަލާތަކުގައި ބޭނުން ނުކުރެވޭ ވަރުކޮށްފައި ވާނެ ކަމަށެވެ.

ޔުކްރޭނުން އެއްކޮށްފައި ހުރި ހިސާބުތައް ދައްކާ ގޮތުން ރަޝިއާއަށް ދިން ގެއްލުންތަކުގައި ކަނޑުއުޅަދާއި ތެޔޮ ޓޭންކަރާއި އެންޓި އެއާކްރާފްޓް ނިޒާމް އަދި އަސްކަރިއްޔާގައި ބޭނުންކުރާ އެހެނިހެން މެޝިންތައް ވެސް ހިމެނެ އެވެ.

ޔުކްރޭނުން ބުނީ އެ ގައުމަށް ވެސް ބޮޑެތި ގެއްލުން ލިބިފައި ހުރި ކަމަށެވެ. އެންމެ ބޮޑު ހިތާމައަކީ ކުޑަކުދިންނާއި އަންހެނުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުން ކަމަށްވެސް ބުންޏެވެ.

ހިސާބުތައް ދައްކާ ގޮތުން 219 ކުއްޖަކު ވަނީ ރަޝިއާގެ ހަމަލާތަކުގައި މަރުވެފަ އެވެ. އަދި އެކިވަރުގެ ގެއްލުން ލިބުނު މީހުންގެ އަދަދު ކަށަވަރުކޮށް ބުނަން ނޭނގޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

އާންމުންގެ ތެރެއިން 2،829 މީހުން މަރުވެފައިވާ ކަމަށް ބުނި ނަމަވެސް އަސްކަރިއްޔާއަށް ލިބުނު ގެއްލުންތައް އަދި ސާފެއް ނުކޮށްދެ އެވެ. ޔުކްރޭނުން މަރުވި ސިފައިންގެ އަދަދުވެސް، ރަޝިއާ ބުނާ އަދަދާއި ޔުކްރޭނުން ބުނާ އަދަދު ދިމައެއް ނުވެ އެވެ.

ރަޝިއާއިން ހަމަލާދޭން ފެށިފަހުން ޔުކްރޭން ދޫކޮށް ދިއުމަށް ބޭނުންވާ 7.7 މިލިއަން މީހުން ޔުކްރޭންގެ އެތަން މިތަނުގައި ތާށިވެފައިވާއިރު ޔުކްރޭން ދޫކޮށް 5.3 މީހުން އަވަށްޓެރި ގައުމުތަކަށް ގޮސްފައިވާ ކަމަށް އދ. ގެ ރެފިއުޖީ އޭޖެންސީން ބުނެ އެވެ.