ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އުފެއްދުންތެރި ނޫން ލޯނު ދަށްވެ ފައިދާ އިތުރުވެއްޖެ

Apr 30, 2022
1

ބީއެމްއެލްގެ ލޯނުތަކުގައި އުފެއްދުންތެރި ނޫން ލޯނު މަދުވެ، މި އަހަރު ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.


ބީއެމްއެލް އިން މިއަދު ހާމަކުރި މި އަަހަރުގެ ފުރަތަމަ ކުއާޓަރގެ ނަތީޖާ ދައްކާ ގޮތުން މިދިޔަ ކުއާޓަރު އަދި ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރަކުން ކުރިއެެރުން ހޯދައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދާފައިވެ އެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ނިމިގެން ދިޔަ ކުއާޓަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއީ 14 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ބޭންކަށް ލިބިފަ އެވެ. މިއީ މިދިއަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 18 ޕަސެންޓް މަތީ އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 55 ޕަސެންޓް އިތުރު އަދަދެކެވެ.

އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރި

ބޭންކަށް މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިއުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޝަން ފައިސާ އަނބުރާ އާމްދަނީގެ ތެރެ އަށް ވަނުމުންނެވެ.

ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފަ އެވެ. ނިމިގެންދިޔަ ކުއާޓަރުގައި ބޭންކުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފަ އެވެ.

މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިން ވިއުގައި ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. މިގޮތުން ހަތަރު ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފްކުރެވުނެވެ. އަދި ހަަމައެހެންމެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައް ވެސް ހިންގުނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ހޯދައި ބޭންކަށް ކާމިޔާބު ނަތީޖާއެއް މިދަނީ ދެމެހެއްޓެމުން. ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން،" ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 139 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.