ލައިފްސްޓައިލް

އެއް ކުންފުންޏެއްގެ އެއް ވަޒީފާއެއްގައި 84 އަހަރު

މި ޒަމާނުގައި އެއް އޮފީހެއްގައި މާ ގިނަދުވަހު މަސައްކަތް ކުރުމަކީ ގިނަ މީހުންނަށް ފަސޭހަ ކަމަކަށް ނުވެ އެވެ. މުސާރަ އާއި ވަޒީފާގެ ކުރިއެރުމުގެ ބޭނުމުގައި އެއް އޮފީހުން އަނެއް އޮފީހަށް މީހުން އަބަދުވެސް ބަދަލުވެ އެވެ. އަދި ބައެއް ފަހަރު މާހައުލު ބަދަލުކޮށްލުމުގެ ބޭނުމުގައި އޮފީސް ބަދަލުކުރާ މީހުން ވެސް ފެނެ އެވެ.

އެއް ކެރިއަރެއްގައި އެއް ކުންފުންޏެއްގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްގެން ގިނިސް ވޯލްޑް ރެކޯޑްސް މުގުރާލާފައިވާ މި މީހާގެ ވާހަކަ މުޅިން ތަފާތެވެ. އޭނާ ވަނީ ބަރާބަރު 84 އަހަރު އެއް ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފަ އެވެ.

އެއީ ބްރެޒީލްގެ ވޯލްޓާ އޯތުމަން އެވެ. މިހާރު 100 އަހަރު ފުރިފައިވާ ވޯލްޓާ ބްރެޒީލްގެ ސާންޓާ ކެޓަރީނާގައި ހުންނަ އިންޑަސްޓްރިއަސް ރިނަކްސް އެސްއޭގައި 80 އަށް ވުރެ ގިނަ އަހަރު ވަނީ މަސައްކަތް ކޮށްފަ އެވެ.

މި ރެކޯޑް ވެރިފައި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު އެވެ. އެ ދުވަހާ ހަމައަށް ވޯލްޓާ ވަނީ 84 އަހަރާއި ނުވަ ދުވަހު އެ ކުންފުނީގައި ވަޒީފާ އަދާކޮށްފަ އެވެ.

ޝިޕިން އެސިސްޓެންޓެއްގެ ގޮތުގައި ވޯލްޓާ އެ ކުންފުނީގައި މަސައްކަތް ކުރަން ފެށީ އުމުރުން 15 އަހަރުގަ އެވެ. މިހާ ޅަ އުމުރުގައި އޭނާއަށް ވަޒީފާ އަދާކުރަން މަޖްބޫރުވީ އާއިލާގެ ފަގީރުކަމުންނެވެ.

އޭނާއަށް މި ކުންފުނިން ވަޒީފާ ލިބުނީ ޖަރުމަން ބަހަށް ފަރިތަ ކަމުންނެވެ. ކުންފުނީގައި ވަޒީފާ އަދާކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ސޭލްސް މެނޭޖަރަކަށް އޭނާ ޕްރޮމޯޓް ވިއެވެ.

"އަހަރެންނަށް ފުރަތަމަ ލިބުނީ ސޭލްސްޕާސަން އެއްގެ ވަޒީފާ. އެ ވަޒީފާގައި އަހަރެން ސައޮ ޕޯލޮއަށް ދަތުރުކޮށް ތިން މަހުން ކުރެވޭ މަސައްކަތް ހަފުތާއަކަށް ވުރެ މަދު ދުވަސް ތަކަކުން ކުރިން،" ވޯލްޓާ ބުންޏެވެ.

ވޯލްޓާގެ 100 ވަނަ އުފަން ދުވަހަކީ ފާއިތުވީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހެވެ. މި ދުވަސް އޭނާއާ އެކުގައި މަސައްކަތްކުރާ މީހުންނާއި އެކުވެރިން އަދި އާއިލާގެ މީހުން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ.

އުމުރުން މިހާ ގިނަ ދުވަސްވިޔަސް ވޯލްޓާ ކޮންމެ ދުވަހަކު ގަވާއިދުން ކަސްރަތުކުރާތީ އޭނާގެ ހަށިގަޑު އަދިވެސް ވަރަށް ފިޓެވެ. ވިސްނުން ތޫނުވެފައި ހަނދާން ގަދަ އެވެ.

ވޯލްޓާ ބުނަނީ އެމީހަކު ހިތްހަމަޖެހޭ ކަމެއް ކުރުމުގައި ދުވަސް ހޭދަކުރާއިރު ވަގުތު ދާގޮތް ވެސް ނޭނގޭ ކަމަށެވެ.

"އަހަރެން އެއްވެސް ކަމެއް މާދަމާއަށް ކުރާކަށް ނުރާވަން. ހެނދުނު ހޭލައިގެން ކަސްރަތުކޮށްލާފަ ވަޒީފާއަށް ދަނީ. މާޒީ އާއި މުސްތަގްބަލަށް ނުވިސްނާ އެ ވަގުތު ކުރަން ޖެހޭ ކަމެއްގައި ބިޒީކޮށް އުޅުނީމަ ރަނގަޅުވާނީ،" ވޯލްޓާ ބުންޏެވެ.