ފިނޭންސް މިނިސްޓްރީ

ތައުލީމީ ދާއިރާގެ މުސާރަތައް ބޮޑުކޮށް ތަފްސީލްތައް ހާމަކޮށްފި

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް، އިތުރުވާ މުސާރައިގެ ތަފްސީލްތައް ސަރުކާރުން ހާމަކޮށްފި އެވެ.

ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަށް މިއަދު އަމަލުކުރަން ފެށުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ދައުލަތުގެ ބަޖެޓުން އިތުރު 488 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.

މިއަދު ގެނައި ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ވުރެ ބޮޑު ވާނެ އެވެ. އަދި ރޭންކު ކުރެވިފައިވާ ގޮތުން ޕްރިންސިޕަލުންނާއި ޑެޕިއުޓީންނަށް ކުރީގެ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑު މުސާރައެއް ލިބޭނެ އެވެ. އެގޮތުން ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 29،445 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 16،214 ރުފިޔާ އެވެ. މިއީ 82 ޕަސެންޓްގެ ކުރިއެރުމެވެ.

ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 31،816 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 20،049 ރުފިޔާ އެވެ. މިއީ 59ޕަސެންޓްގެ ކުރިއެރުމެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34،103 ރުފިޔާ ލިބޭނެ އެވެ.

ރޭންކް އެކެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 22،273 ރުފިޔާ ލިބޭއިރު ރޭންކް ދޭއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 24،941 ރުފިޔާ ލިބޭނެ އެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 27،590 ރުފިޔާ ލިބޭނެ އެވެ. މިއީ 78 ޕަސެންޓާއި 54 ޕަސެންޓާ ދެމެދުގެ ކުރިއެރުމެކެވެ.

އަމީރު ވިދާޅުވީ ޕްރިންސިޕަލުންގެ މުސާރައަށް އައި ބަދަލާއެކު އަހަރު 31.3 މިލިއަން ރުފިޔާ އަދި ޑެޕިއުޓީންގެ މުސާރައަށް އައި ބަދަލާއެކު 4.4 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށެވެ. ޓީޗަރުންގެ މުސާރައަށް އައި ބަދަލާއެކު 419.6 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.