ހަބަރު

ބަޖެޓު: އަތޮޅުތަކަށް ހާއްސަ އިސްކަމެއް

އަތޮޅުތަކުގައި އެކި ދާއިރާތަކުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުން މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން، އަތޮޅުތަކުގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އިންވެސްޓް ކުރުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން، ހަތަރު ރަށެއްގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ގާއިމް ކުރުމާއި، ލ. އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިން ފެސިލިޓީ ގާއިމް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. ޓިވެޓް ސެންޓަރުތައް ގާއިމް ކުރުމަށް ވަނީ 11 މިލިއަން ރުފިޔާ އަދި، ލ. އަތޮޅު ފެސިލިޓީ އަށް 14 މިލިއަން ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން، އަތޮޅުތެރޭގައި ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 249 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ އިންވެސްޓްމަންޓުގެ ދަށުން، ފަސް ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް ގާއިމް ކުރުމަށް 191 މިލިއަން ރުފިޔާ އާއި ގަމުގައި ކެންސަރު ހޮސްޕިޓަލް ގާއިމް ކުރަން 98 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އިގްތިސޯދީ ކުރިއެރުމަށް ކުރާ ހަރަދުގެ ތެރެއިން، އުތުރުގެ ސަރަހައްދުގައި ހައި ސްޕީޑް ފެރީގެ ނިޒާމަށް 53 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

އަތޮޅު ތެރޭގައި ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ)، 1718 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.