ޑރ. އައިޝަތު އަލީ

މުސާރަ ބޮޑުކުރުމުން ގާބިލް މީހުން ހިފެހެއްޓޭނެ: މިނިސްޓަރު

May 1, 2022

ޓީޗަރުންގެ މުސާރަތައް ބޮޑުކުރުމާ ގުޅިގެން ތައުލީމީ ދާއިރާ އަށް މީހުން ޝައުގުވެރިކޮށް އެ ދާއިރާގައި މީހުން ހިފެހެއްޓުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ މިއަދު ބޮޑުކުރުމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވީ ޓީޗަރުންނަށް މިއަދު ބޮޑު ކުރި މުސާރަ އަކީ ނިސްބަތުން ވަރަށް ބޮޑު އަދަދެއް ކަމަށާއި އަދި އެއީ ޓީޗަރުން ކުރާ މަސައްކަތާ އަޅާބަލާއިރު މިވަގުތަށް ދެވޭނެ އެކަށީގެންވާ މުސާރައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިއަދަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަހަރު ތަކަކަށްފަހު އައި އިންގިލާބީ ހެޔޮ ބަދަލެއް ގެނުވި ދުވަހެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު އަލީ ވިދާޅުވީ ޓީޗަރުން ކުރައްވާ މަސައްކަތަކީ އޭގެ ޒާތުގައި އަގު އަދާކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ޓީޗަރުންނަށް ލިބޭ މުސާރަ އަކީ އަބުރުވެރި ދިރިއުޅުމެއް އުޅުމަށް އެކަށީގެންވާ ވަރުގެ މުސާރައަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެންގެވުމަކަށް މިދިޔަ އަހަރު ހަދާފައިވާ ތައުލީމީ ދާއިރާގެ ދިރާސާއަކާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު މީހުން ޝައުގުވެރި ނުވަނީ އަދި ރަނގަޅު މީހުން ދާއިރާގައި ނުހިފެހެއްޓެނީ ކުރިން ދެމުން ދިޔަ މުސާރަތައް ކުޑަވުމުން ކަމަށެވެ.

"ތައުލީމީ ދާއިރާގައި މިހާރު ތިބި ރަނގަޅު ޓީޗަރުން ދެން އެހެން ވަޒީފާތަކަށް ނުދިއުމަކީ ކުރެވޭ އުއްމީދެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިއަދު ބޮޑުކުރުމާ ގުޅިގެން އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން އިތުރު 488 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ތައުލީމީ ދާއިރާގެ މުސާރަތަކަށް މިއަދު ގެނައި ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ވުރެ ބޮޑު ވާނެ އެވެ.