މިފްކޯގެ ބަނދަރުތަކަށް މަސް ގަތުން ކޮންޓްރޯލްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި އެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅުވުމާ ގުޅިގެން މިފްކޯ އިން މަސް ގަތުން ކޮންޓްރޯލް ކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ.
މިފްކޯ އިން އެންމެ ފުރަތަމަ މަސް ގަތީ ދޯންޏަކުން ފަސް ޓަނެވެ. ފަހުން އެ އަދަދު ވަނީ ހަތް ޓަނަށް އިތުރުކޮށްފަ އެވެ.
މަސް ގަތުން މިފްކޯ އިން ކޮންޓްރޯލް ކުރީ އެ ކުންފުނީގައި މަސް ރައްކާކޮށްފައި ބެހެއްޓޭ އަދަދަށް ވުރެ އިތުރަށް މަސް ގަންނަން ލިބުމާ ގުޅިގެންނެވެ.
މިފްކޯ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން މަސް ގަތުން ކޮންޓްރޯލް ކުރީ ވީހާވެސް ގިނަ ދޯނިތަކުން މަސް ގަތުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް މިހާރު މިފްކޯގެ ބަނދަރުތަކަށް މަސް ގަތުން ކޮންޓްރޯލްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މިފްކޯ އިން އިތުރަށް ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ކަމަށާއި ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމަށް ކަމަށެވެ.
މިފްކޯ އިން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން މަސްވެރިން ވަނީ އެކަމާ ދެކޮޅަށް ކޫއްޑޫގައި އިހްތިޖާޖުކޮށް ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުވާފަ އެވެ.