ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި މިއަދު ހެނދުނު ކޮށްފި އެވެ. ސްޓޭޑިއަމް ސަރަހައްދުގައި މިއަދު ބޭއްވި ބޮޑު ޖަމާއަތުގެ ނަމާދުގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭ ގޮތަށް އެތަކެއްހާސް މީހުން ބައިވެރިވެ އީދު ނަމާދު ކޮށްފައިވެ އެވެ.
ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރި އިރު، މާލޭގެ އިތުރު 27 މިސްކިތެއްގައި ވެސް ވަނީ އީދު ނަމާދުކޮށްފަ އެވެ. އޭގެ އިތުރުން ވިލިމާލޭ ބޯޅަ ދަނޑާއި ހުޅުމާލޭ ސްޓޭޑިއަމް ސަރަހައްދުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކުގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރި އެވެ.
ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދު ކުރައްވާ ހުތުބާ ދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރެވެ.
އީދު ހުތުބާގައި ވަނީ މިފަދަ އުފާވެރި ދުވަހެއްގައި މާތްﷲ ދެއްވަވާފައިވާ ނިއުމަތާއި ދަރުމައިގެ މަތީން ހަނދާން ކުރުމާއި ރޯދައިގެ ދުވަސްތައް ފުރިހަމަ ކުރެވުނީތީ މާތްﷲ އަށް ޝުކުރުވެރިވުމަށް ނަސޭހަތްތެރިވެފައެވެ.
"މިއަދު މުސްލިމުން އީދު ނަމާދަށްޓަކައި މި އެއްވާ އެއްވުމުން ފެނިގެން ދަނީ މުސްލިމުންގެ އެއްބައިވަންތަކަމެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނާއި އަންހެނުންނާއި ފިރިހެނުންނާއި ފަގީރުންނާއި މުއްސަދީންގެ މެދުގައިވާ އެކުވެރިކަމާއި ރަހުމަތްތެރި ކަމެވެ. އެބައިމީހުން އެއްކައުވަންތަ ރަސްކަނލާންގެ ހަސްރަތުގައި އެކަލާންގެއަށް ހަމްދާއި ސަނާ ދަންނަވައި އެކަލާންގެ މަތިވެރިކޮށް ތައުޡީމު ކުރާ މަންޒަރެވެ،"
ހުތުބާގައި ވަނީ ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކުން ދުރުހެވިލުވުމަށް މިއަދު އަޒުމް ކަނޑައެޅުމަށާއި ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް ގޮވާލައްވާފައެވެ. އަދި އެންމެ ފުރަތަމަ މާތްﷲގެ ހައްގުތައް އަދާކުރުމަށެވެ.
"އީދު ދުވަހު އަރަމުންދާ އިރާއެކު ތިބާގެ މޫނުމަތީން ހިނިތުންވުމުގެ އަސަރު ފާޅުކުރާށެވެ. ލޯތްބާއި ކުލުނާއި އަހުވަަންތަކަމުގެ ބެބެޅުމުން ތިބާގެ މޫނު ބަބުޅައިލާށެވެ. ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އައުކުރާށެވެ. ރަހުމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރާށެވެ،" މިއަދުގެ ހުތުބާގައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ބައެއް މީހުން ރޯދަ މަހު މާތްﷲގެ ހަސްރަތަށް ކުއްތަންވެވޭތޯ މަސައްކަތް ކޮށް ނަމާދުކޮށް ރޭއަޅުކަން އަދާކޮށް ރޯދަ ހިފާ ނަމަވެސް ރޯދަ މަސް ނިމުމާއެކު ނަމާދު ކުރަން ހަނދާން ނުހުންނަ ކަމަށެވެ. އަދި މާތްﷲ އާ އެބައިމީހުންނާ ދެމެދުގައިވާ ވާފަށް ކަނޑާލާ މުސްހަފެއްވެސް ހުޅުވާލާތަން ނުފެންނަ ކަަމަށެވެ. އަދި ޒިކުރު ކުރުމުން ދުރުވާ ކަމަށެވެ.
"މާތްﷲއަށްޓަކައި ރޯދަ ހިފައި ރޭ އަޅުކަންކުރި މުސްލިމު އަހުންނާއި އުހުތުންނޭވެ. ރަމަޟާން މަހުގެ ތަރުބަވީ މަދަރުސާއިން ދަސްކޮށްދިން ފިލާވަޅުތަކުގެ މަތީގައި ދެމި ތިބުމަށް އަޒުމް ކަނޑައަޅާށެވެ. މާތްﷲ އަށް ބިރުވެރިވުމުގެ މަތިވެރި މާތް ސިފައިގައި ސާބިތުވެ ތިބޭށެވެ. ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދިން ކެތްތެރިކަމާއި ތެދުވެރިކަމާއި ދީލަތިކަމާއި ހިތް ސާފު ކަމާއެކު އަތާއި ދުލުން މުސްލިމުން ރައްކާތެރި ކުރުން ފަދަ މަތިވެރި ހުރިހާ ސިފަތަކެއްގެ މަތީގައި ހަޔާތުގެ ބާކި އޮތްތަން ހޭދަ ކުރުމުގެ ތައުފީގު ދެއްވުން އެދި މާތްﷲ ގެ ހަސްރަތުގައި ގިނަ ގިނައިން ދުއާ ދަންނަވާށެވެ،"
ހުތުބާއަށް ފަހު ސްޓޭޑިއަމްގައި ތިބި މީހުން އެކަކު އަނެކަކާ އީދު ސަލާމްކޮށް ހެދި އެވެ.
ބޮޑު ޖަމާއަތުގެ އިތުރުން ކިންގް ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައިވެސް ވަނީ އެތައް ބަޔަކާއެކު އީދު ނަމާދު ކޮށްފައެވެ.