އާއިލާގެ މީހަކު ތިމާއާ ރަހިމުގެ ގުޅުން ކެނޑިޔަސް ތިމާ އެ ގުޅުން ކަނޑާނުލުމަށް މިއަދުގެ އީދު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.
މުޅި ރާއްޖޭގައި މިއަދު ކުރެވުނު އީދު ނަމާދަށް ފަހު އިއްވި ހުތުބާގައި ބުނެފައިވަނީ ތިމާގެ ރަހިމުގެ ގުޅުންތައް ވާސިލުކުރާ މީހާއަށް މާތްﷲ ރަހުމަތް ލައްވާނެ ކަމަށެވެ. އަދި އާއިލާގެ މީހަކު ތިމާއާ ރަހިމުގެ ގުޅުން ކެނޑިޔަސް ތިމާ އެ ގުޅުން ކަނޑާނުލުމަށެވެ.
ވެވުނު މިންވަރަކުން އެ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ދިނުމަށެވެ.
ރަހިމުގެ ގުޅުން ވާސިލުކުރާ މީހާއަކީ އޭނާއަށް ދޭ އެއްޗަކަށް އެއްޗެއް ދޭ މީހާ ނޫން ކަމަށާ އެކަމަކު ގުޅުން ވާސިލުކުރާ މީހަކީ އޭނާއާ ގުޅުން ކެނޑިޔަސް އެ ގުޅުން ދަމަހައްޓާ މީހާ ކަމަށް މާތް ނަބިއްޔާގެ ބަސްފުޅުގައިވާ ކަަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ތިމާގެ ރަހިމުގެ ގުޅުންތައް ވާސިލުކުރާ މީހާއަށް މާތްﷲ ރަހުމަތް ލައްވާނެތެވެ. އެ މީހުން މި ގުޅުން ކެނޑިކަމުގައި ވިޔަސް ތިމާ މި ގުޅުން [ރަހިމުގެ ގުޅުން] ކަނޑާނުލާށެވެ. ވެވުނު މިންވަރަކުން އެ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ދޭށެވެއީދު ހުތުބާ | މެއި 2، 2022
އީދު ހުތުބާގައި ވަނީ މިފަދަ އުފާވެރި ދުވަހެއްގައި މާތްﷲ ދެއްވަވާފައިވާ ނިއުމަތާއި ދަރުމައިގެ މަތީން ހަނދާން ކުރުމާއި ރޯދައިގެ ދުވަސްތައް ފުރިހަމަ ކުރެވުނީތީ މާތްﷲ އަށް ޝުކުރުވެރިވުމަށް ނަސޭހަތްތެރިވެފައެވެ.
"މިއަދު މުސްލިމުން އީދު ނަމާދަށްޓަކައި މި އެއްވާ އެއްވުމުން ފެނިގެން ދަނީ މުސްލިމުންގެ އެއްބައިވަންތަކަމެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނާއި އަންހެނުންނާއި ފިރިހެނުންނާއި ފަގީރުންނާއި މުއްސަދީންގެ މެދުގައިވާ އެކުވެރިކަމާއި ރަހުމަތްތެރި ކަމެވެ. އެބައިމީހުން އެއްކައުވަންތަ ރަސްކަނލާންގެ ހަސްރަތުގައި އެކަލާންގެއަށް ހަމްދާއި ސަނާ ދަންނަވައި އެކަލާންގެ މަތިވެރިކޮށް ތައުޡީމު ކުރާ މަންޒަރެވެ،"
ހުތުބާގައި ވަނީ ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކުން ދުރުހެވިލުވުމަށް މިއަދު އަޒުމް ކަނޑައެޅުމަށާއި ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް ގޮވާލައްވާފައެވެ. އަދި އެންމެ ފުރަތަމަ މާތްﷲގެ ހައްގުތައް އަދާކުރުމަށެވެ.
"އީދު ދުވަހު އަރަމުންދާ އިރާއެކު ތިބާގެ މޫނުމަތީން ހިނިތުންވުމުގެ އަސަރު ފާޅުކުރާށެވެ. ލޯތްބާއި ކުލުނާއި އަހުވަަންތަކަމުގެ ބެބެޅުމުން ތިބާގެ މޫނު ބަބުޅައިލާށެވެ. ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އައުކުރާށެވެ. ރަހުމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރާށެވެ،" މިއަދުގެ ހުތުބާގައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ބައެއް މީހުން ރޯދަ މަހު މާތްﷲގެ ހަސްރަތަށް ކުއްތަންވެވޭތޯ މަސައްކަތް ކޮށް ނަމާދުކޮށް ރޭއަޅުކަން އަދާކޮށް ރޯދަ ހިފާ ނަމަވެސް ރޯދަ މަސް ނިމުމާއެކު ނަމާދު ކުރަން ހަނދާން ނުހުންނަ ކަމަށެވެ. އަދި މާތްﷲ އާ އެބައިމީހުންނާ ދެމެދުގައިވާ ވާފަށް ކަނޑާލާ މުސްހަފެއްވެސް ހުޅުވާލާތަން ނުފެންނަ ކަަމަށެވެ. އަދި ޒިކުރު ކުރުމުން ދުރުވާ ކަމަށެވެ.
"މާތްﷲއަށްޓަކައި ރޯދަ ހިފައި ރޭ އަޅުކަންކުރި މުސްލިމު އަހުންނާއި އުހުތުންނޭވެ. ރަމަޟާން މަހުގެ ތަރުބަވީ މަދަރުސާއިން ދަސްކޮށްދިން ފިލާވަޅުތަކުގެ މަތީގައި ދެމި ތިބުމަށް އަޒުމް ކަނޑައަޅާށެވެ. މާތްﷲ އަށް ބިރުވެރިވުމުގެ މަތިވެރި މާތް ސިފައިގައި ސާބިތުވެ ތިބޭށެވެ. ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދިން ކެތްތެރިކަމާއި ތެދުވެރިކަމާއި ދީލަތިކަމާއި ހިތް ސާފު ކަމާއެކު އަތާއި ދުލުން މުސްލިމުން ރައްކާތެރި ކުރުން ފަދަ މަތިވެރި ހުރިހާ ސިފަތަކެއްގެ މަތީގައި ހަޔާތުގެ ބާކި އޮތްތަން ހޭދަ ކުރުމުގެ ތައުފީގު ދެއްވުން އެދި މާތްﷲ ގެ ހަސްރަތުގައި ގިނަ ގިނައިން ދުއާ ދަންނަވާށެވެ،"