ފުވައްމުލައް

ފީނަން ފޭބި ދިވެއްސަކު ގެއްލިއްޖެ

ޏ.ފުވައްމުލަކު ސިޓީ ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ހަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި މި މީހާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދުގެ 3:36 ހާއިރު ކަމަށާ މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ސިފައިން ބުންޏެވެ. ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ މިއަދު 2:30 ހާއިރު ކަމަށާއި ފީނަން ފޭބިއިރު އެ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށް ކޯސްޓްގާޑުން ބުންޏެވެ.

މި މީހާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ބަލައިދިނުން ވަނީ އެދިފައެވެ.