މާފުށި

މާފުށީ އީދު: އެންމެ ފައިސާ ހޯދި ދުވަސް

May 3, 2022
4

މުޅި ރާއްޖޭގައި ވެސް ފައިސާ އެންމެ ގިނައިން "ރޯލްކުރާ" އެއް ރަށަކީ މި އެވެ. މުޅި އަހަރަށް ބަލާނަމަ އެންމެ ގިނައި މީހުން އަރައި ފައިބާ އެއް ރަށަކަށްވެސް މި ރަށްވާނެ އެވެ. އެންމެ ގިނައިން ވިޔަފާރި މުދާ ގެންނަ ރަށަކީ ވެސް މި އެވެ. ރާއްޖޭގެ ރަށު ޓޫރިޒަމްގެ މޫނުމަތި ގޮތުގައި ބަލާ މި މާފުއްޓާކީ ބޭރުގެ ޗުއްޓީ ހޭދަކުރާ މީހުންގެ މަންޒިލެވެ. ކޮންމެ އަހަރެއް އާ އަހަރުގައި މި ރަށް ފުރާލަ އެވެ. އެކަމަކު މީގެ ކުރީގެ މިފަދަ ދުވަސްތަކާ އަޅާބަލާނަމަ އިއްޔެ މި ރަށް ތަފާތެވެ. އިއްޔެ މި ރަަށަށް އެރީ ދިވެހިންނެވެ. ދިވެހި އާއިލާ ތަކެވެ.

"މި [އީދު ދުވަހަކީ] އަދަކީ ޔަގީނުން ވެސް އެންމެ ގިނަ ފައިސާ މި ރަށު ރައްޔިތުންނަށް ލިބުނު އެއް ދުވަސް. އެންމެ ގިނަ މީހުން މި ރަށަށް އެރި ދުވަހަށް ވެސް މިއަދު ވާނެ،" މި ރަަށު ސަން ރައިޒްބީޗުގެ ވެރިޔާ އާދިލް ވިދާޅުވި އެވެ.

މާފުށީ ކައުންސިލްގެ އިސް ނެގުމެއްގެ ދަށުން އިވެންޓް ރާވާ ކުންފުނި، ލިކަމެކްއާ ހަވާލުކޮށްގެން މި ރަށުގައި އީދު ފާހަގަކުރާނެކަން އިއުލާނުކުރި ހިސާބުން ފެށިގެން މުޅި ރާއްޖޭގެ ލޯ މި ރަަށާ ދިމާލަށް އެނބުރުނެވެ.

ގިނަ ބަޔަކު ދިޔައީ މި ރަށަށް ދުރާލާ އަންނަން ރޫމްތައް ބުކްކޮށް ލޯންޗް ޓިކެޓު ޔަގީން ކުރަމުންނެވެ. ރާއްޖޭގެ އެންމެ "އެފިޝެންޓް" ޓްރާންސްޕޯޓް ވިއުގައެއް އޮންނަ މި ރަށުގެ ލޯންޗު ފެރީގެ ޓިކެޓު ނަގަން ފެށިނަމަވެސް އިއްޔެ މި ރަށަށް އެރި ވަރަށް މީހުން އައިސްފާނެ ކަމަށް އަންދާޒާއެއް ނުކުރެވެ އެވެ.

ސަޕްލައިޒް؛ 5000 އަށް ވުރެ ގިނަ މީހުން

މީހުން ޒިޔާރަތްކުރި އަދަދު ގިނަކަމުން ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވެސް ހުންނެވީ "ސަޕްރައިޒް" ވެފަ އެވެ.

"ކުރިން ލަފާކުރީ މުޅި އިވެންޓަށް 1500 އެއްހާ މީހުން އަންނާނެ ކަމަށް. އެކަމަކު މި އަދަދު މާބޮޑަށް ވެސް މަތި،" ސޮލާހު ވިދާޅުވި އެވެ.

ކުރިން ލަފާކުރީ މުޅި އިވެންޓަށް 1500 އެއްހާ މީހުން އަންނާނެ ކަމަށް. އެކަމަކު މި އަދަދު މާބޮޑަށް ވެސް މަތި
މާފުށި ކައުންސިލްގެ ރައީސް

މީހުން މި ރަށަށް އެރިވަރު ގިނަ ކަމުން މި ރަށުގެ މޮބައިލް ހިދުމަތުގެ ކެޕޭސިޓީ އަށް ވެސް ބުރޫ އަރައި ސްލޯވާ ވަގުތުތައް ދިޔަ އެވެ. މިހާރުގެ އަންދާޒާއަކީ 5000 އަށް ވުރެ ގިނަ މިހުން އިއްޔެ މި ރަށަށް އަލަަށް އަރައި ތިބުމެވެ. މިއީ އެއް ދުވަހެއްގެ މައްޗަށް ބަލާނަމަ ނިސްބަތުން ގިނަ އަދަދެކެވެ.

މި ރަށުގައި ފުޅާކޮށް ގެސްޓްހައުސް ހިންގާ ކާނި ހޮޓެލްގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި ކައުންސިލުން އިސް ނަގައިގެން ހިންގި މި ހަރަކާތްތަކުގެ ސަބަބުން މި ރަަށް މަޝްހޫރު ވެއްޖެ ކަމަށެވެ.

"މި ރަށަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިގެން މިދިޔައީ. ވަރަށް މީހުން އަރައިފި،" މި ރަށުގައި 200 އަށްވުރެ ގިނަ ކޮޓަރި ހިންގާ ކާނި ކުންފުނީގެ ވެރިޔާ އަބްދުﷲ ވިދާޅުވި އެވެ.

މާފުއްޓަކީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ ޓްރާންސްޕޯޓް ވިއުގަ އޮތް ރަށެވެ. މި ރަށުގައި ގެސްޓްހައުސްތައް ގިނަކަމުން ކޮންމެ ތަނަކުން ވެސް ލޯންޗުގެ ހިދުމަތް ލިބެ އެވެ. ހާއްސަކޮށް ލޯންޗް ފެރީގެ ހިދުމަތްދޭ ކުންފުނިތައް ވެސް މި ރަަށުގައި ހަރަކާތްތެރިވެ އެވެ. މުޅި ރަށުގައި 150 އެއްހާ ލޯންޗް އޮތްއިރު އިއްޔެ އެކަނި 70 ވަރަކަށް ލޯންޗުގައި ހުއްޓުމެއް ނެތި ދިޔައީ މީހުން އުފުލަމުންނެވެ. މި ހުރިހާ ލޯންޗެއް ވެސް އާދީއްތަ ދުވަހުން ފެށިގެން ފެނުނީ ވަރަށް ބިޒީކޮށެވެ. މި ލޯންޗްތަކުގައި 30 އާއި 50 މީހުންގެ ޖާގަ ހުންނައިރު މާލެ އިން ލޯންޗްތައް އަންނަނީ ފުލްކޮށްލައިގެންނެވެ.

ގަޑިއަކު ކުންފުންޏަކުން 16 ލޯންޗް ބޭއްވި

ރަށަށް އައިސް ހުސްކޮށްލާފަ އަނެއްކާ ނައްޓާލަނީ އެވެ. ކައުންސިލުން އީދު އިންތިޒާމުކޮށް އޮތީ މި ރަށުގައި އޯވަނައިޓް ނުކޮށް ވެސް ދެވޭ ގޮތަށެވެ. ހަމައެކަނި ހަވާ ބަލާލަން އަންނަން ބޭނުންވާ ބަޔަކަށް ވެސް ހަވާ އެރުވުން ބަލައިލުމަށްފަހު ދަންވަރު އެކެއްގެ ލޯންޗުން މާލެ ދެވޭ ގޮތަަށެވެ. އެހެންވެ ދަންވަރުގެ ވަގުތުތައް ވެސް ފެނިގެން ދިޔައީ މި ރަށުގެ ބަނދަރު މަތި ބިޒީކޮށެވެ.

މި ރަށުގެ ލޯންޗް ހިދުމަތްދޭ އައިކޮމް އާއި މާފުށި ޓުއާސް ފަދަ ކުންފުނިތަކުން ގަޑިއަކު ގާތްގަނޑަކަށް 18 ވަރަކަށް ބުރު މާލެ އާއި މިރަށާ ދެމެދު ދިޔައީ ޖަހަމުންނެވެ.

ވިޔަފާރިތަކަށް ލައްކައިން ފައިސާ ވަދެފައިވޭ

އީދަށް މި ރަށަށް އެރި މީހުން ކުރި ހަރަދަށް ބަލާއިރު ފިހާރަ ތަކުން ވަނީ މިލިއަނުން ވިޔަފާރިކޮށްފަ އެވެ.

މި ރަށު ފިހާރައަކުން ވާހަކަ ދެއްކި ސޭޓެއް ބުނި ގޮތުގައި ފެން ފުޅިއަށް ބެލިނަމަވެސް އެ ފިހާރައިން އެކަނި 500 އެމްއެލްގެ 10 ކޭހާއި 15 އާ ދެމެދު އަދަދަކަށް ފެން އިއްޔެ އެކަނި ވިއްކާފައިވާނެ އެވެ.

"ހުރިހާ އެއްޗެއް ވެސް ވަރަށް ވިކުނު. ހާއްސަކޮށް ފެން ގިނަ. އައިސް ކްރީމް އާއި މި ނޫން ވެސް އެއްޗިހި ވެސް ވަރަށް ގިނަ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އަންހެން މުވައްޒަފެއް ބުންޏެވެ.

އީދަށް މި ރަށަށް އެރި މީހުން ހަމައެކަނި ހަރަދު ކުރީ ފިހާރަތަކަށް އެކަންޏެއް ނޫނެވެ. މި ރަށުގައި ހުރި މޫދުކުޅިވަރުގެ ހަރަކާތްތަކުގައި އެ މީހުން ބައިވެރިވި އެވެ. އިއްޔެ މި ހިދުމަތްދޭ މީހުން ތިބީ ބިޒީކޮށެވެ. ޖެޓްސްކީ ދުއްވުމާއި ޕަރަސެއިލް ހެދުން އަދި ބަނާނާ ރައިޑް ފަދަ މޫދު ކުޅިވަރުތަކަށްވެސް ގިނަ ބަޔަކު ހަރަދު ކުރި އެވެ.

"މި ވެސް ހަމަ ޓޫރިސްޓުން. ތަފާތަކީ ދިވެހިންނަށްވުން އެކަނި. ސްޕެންޑިން ހަމަ ވަރަށް މަތިކޮށް ފެނުނީ. ބަލާ ރެއަށް އެކަނި ބީޗު ވިއު ފެންނަ ގޮތަށް ހުންނަ ކޮޓަރި 7000ރ. އާއި 7500ރ. އަށް ކޮޓަރި ނަގާފައި އެބަހުރި،" މި ރަށުގެ ވިޔަފާރިވެރިއަކު ބުންޏެވެ.

ރެއަށް އެކަނި ބީޗު ވިއު ފެންނަ ގޮތަށް ހުންނަ ކޮޓަރި 7000ރ. އާއި 7500ރ. އަށް ކޮޓަރި ނަގާފައި އެބަހުރި
މާފުށީ ވިޔަފާރިވެރިއެއް

މިއީދުވީ މި ރަށަށް ލިބުނު ބޮޑު ކުރިއެރުމަށެވެ. ބޮޑު އުފަލަކަށެވެ. މި އުފުލާއެކު ކައުންސިލްގެ މިސްރާބު ހުރީ އަންނަ ބޮޑު އީދު، އީދު ފެސްޓިވަލަކަށް ހެދުމަށެވެ. ޔަގީނުންވެސް މި ކުޑަ އީދުގެ ސަބަބުން މި ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ އެވެ. ހަމައެކަނި ފައިސާ ވަނީއެއް ނޫނެވެ. ގުޅުން ބަދަހިވެ އެއްބައިވަންތަކަން ވެސް ވަރުގަދަ ވެއްޖެ އެވެ.