ކަނޑުމަތިން އަތުލައިގެންފައިވާ 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައި 12.6 ކިލޯގެ މަސްތުވާތަކެތީގެ އަތުލައިގަތީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ މަރިޔާޒް މުހައްމަދު އަބްދުއްލަތީފާއި، ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ އާއި ބަންގްލަދޭޝަށް ނިސްބަތްވާ ކަވްސަރު އަލަމް އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.
މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ ލޯންޗް ދުއްވި ކެޕްޓަން -- މުހައްމަދު އަބްދުއްލަތީފް 12 ކިލޯގެ މަސްތުވާތަކެތި ބަލައި ދަތުރުކުރީ އެ ދަތުރަކީ މަސްތުވާތަކެތި ބަލާދިއުމަށް ކުރާ ދަތުރެއްކަން އެނގިހުރެ ކަމަށެވެ. ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ އިންޓެލިޖެންސް ރިޕޯޓަކާއި މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓެކެވެ.
ފުލުހުން ބުނީ މުހައްމަދު އަބްދުއްލަތީފަށް ފުލުހުން ފެނުމާ އެކު މަސްތުވާތަކެތި އަޅާފައިހުރި ދަބަސް އެއްލައިލުމަށް އޭނާ ދުވޭ ފިލާފައިވާ ކަމަށެވެ. މުހައްމަދު އަބްދުއްލަތީފަކީ މާރާމާރީއާއި ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ 12 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި މީހާ ފުލުހުން ތުހުމަތުކުރެ އެވެ. ޑްރަގާއި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ޑްރަގާއި ބަނގުރަލާއެކު މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލި ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.