އައިލެންޑް އޭވިއޭޝަން

ތިމަރަފުށި އެއާޕޯޓް މަރާމާތުކުރަން ބަޔަކު ހޯދަނީ

May 3, 2022

ތ. ތިމަރަފުށި އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެއާޕޯޓް ހިންގާ ކުންފުނީގެ ހައިސިއްޔަތުން އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށެވެ.

މަރާމާތު ކުރަންޖެހެނީ އެއާޕޯޓްގެ އެކޮމޮޑޭޝަން ބްލޮކާއި ޕަސެންޖާ ޓާމިނަލްގެ އޮފީސް އޭރިއާ އާއި ފަޔާ އެންޑް ރެސްކިއު އިމާރާތާއި ޕަވާހައުސާއި ބޯޑިން ގޭޓް ޗެކިން އޭރިއާގެ އިތުރުން ސެކިއުރީޓީ ފެންސާއި ސެކިއުރިޓީ ގޭޓެވެ.

މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމާ ގުޅޭ ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްކަށް މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެމްޓީސީސީން ތަރައްގީކުރި ތިމަރަފުށި އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށީ 2013 ވަނަ އަހަރު އެވެ.

ބައްތިރީސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތިމަރަފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އޮތް އެއާޕޯޓެކެވެ.