ލައިފްސްޓައިލް

އެކުވެރިންގެ މަސް ކައިގެން ސަލާމަތްވި ބައެއްގެ ވާހަކަ

އެންޑެސް ފަރުބަދަތަކުގެ ތެރެއިން 1972ގައި މަތިންދާބޯޓެއް ވެއްޓުނު ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކަ އެކެވެ. މި ބޯޓުން ސަލާމަތްވީ މަދު ބަޔެކެވެ. މަރު ނުވެ ސަލާމަތްވީ މީހުން ފަރުބަދަ މަތީގައި ގަދަ ފިނީގައި ކާނެ ބޯނެ އެއްޗެއް ވަރަށް މަދުން ނޫނީ ނެތި ތިބީ ވަރަށް ވޭނާއި ކެކުޅުމުގަ އެވެ.

އެ ހާލުގައި މަރުނުވެ ސަލާމަތްވޭތޯ އެމީހުން ކުރި މަސައްކަތާއި މަޖްބޫރުން ކުރަން ޖެހުނު ކަންތައްތަކަކީ ވެސް މީހަކަށް އަންދާޒާ ކޮށްލެވޭ ވަރުގެ ކަންކަމެއް ވެސް ނޫނެވެ. ބަނޑުހައިހޫނުކަމަށް ކެތް ނުވެގެން ހަދާނެ ގޮތް ހުސްވެގެން އެމީހުން ވަނީ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި އެމީހުންގެ އެކުވެރިންގެ މަސް ކައިފަ އެވެ. ބޯޓު ވެއްޓުނުތާ ތިން މަހެއްހާ ދުވަސްފަހުން އެމީހުން ސަލާމަތް ކުރަންދެން ދިރި ދުނިޔޭގައި ތިބީ އެކުވެރިންގެ މަސް ކޭ ކަމުން ކަމަށް އެމީހުން ބުނެ އެވެ. އެހެން ނޫންނަމަ އެމީހުން ވީހީ ބަނޑަށް މަރެވެ.

މި ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވީ މީހުންގެ ތެރެއިން ބައެއް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.

ވެއްޓުނު ބޯޓަކީ އުރުގުއޭގެ ރަގަބީ ޓީމެއް ގޮވައިގެން ދަތުރުކުރި ބޯޓެކެވެ. އޮކްޓޯބަރު 13، 1972ގައި ބޯޓު ވެއްޓުނީ އާޖެންޓީނާ އާއި ޗިލީއާ ދެމެދުގައި އޮންނަ އެންޑަސް ފަރުބަދަތަކުގެ ތެރެއަށެވެ.

ބޯޓު ވެއްޓުމާއެކު ވަގުތުން އޭގައި ތިބި 12 މީހަކު މަރުވި އެވެ. އޭގެ މަދު ގަޑިއިރެއް ފަހުން އިތުރު ފަސް މީހަކު މަރުވި އެވެ. ހަފުތާއެއް ފަހުން އަނެއްކާ އިތުރު މީހަކު މަރުވި އެވެ. އިތުރު އަށް މީހަކު މަރުވީ ބޯޓު ވެއްޓުނުތާ 17 ވަނައަށް ވީ ދުވަހު އެ ސަރަހައްދަށް އެރި ގަނޑުފެނުގެ ތޫފާނެއްގެ ސަބަބުންނެވެ.

ޖޯސް ލުއިސް އިންސިއާޓޭ (މަޝްހުރުވެފައިވާ ނަމުން ނަމަ 'ކޯޗޭ') އަކީ މި ވެއްޓުނު ބޯޓުން ސަލާމަތްވީ މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި އޭނާ އާއި އޭނާއާއެކު ސަލާމަތްވީ މަދު މީސްކޮޅު އެތަނުގައި ތިބެން ޖެހުނީ ވަރަށް ހާލުގަ އެވެ. އުސް ފަރުބަދަތަކުގެ މަތީގައި އިންތިހާއަށް ފިނި މޫސުމުގައި ކާނެ މަދު ކާއެތިކޮޅެއް ނޫނީ ނެތި އެވެ.

އެމީހުން ސަލާމަތްކުރެވުނީ 72 ދުވަސް އެގޮތަށް އެތަނުގައި ތިބި ފަހުންނެވެ. މި ދުވަސްތަކުގެ ތެރޭގައި ކާނެ އެއްޗެއް ނުލިބި ކޯޗޭ އާއި އޭނާއާ އެކު ތިބި މީހުންނަށް ވަރަށް އަސަރުގަދަ ނިންމުމެއް ނިންމަން ޖެހުނެވެ. މަރުވެ ގަނޑުވެފައި ތިބި އެމީހުންގެ އެކުވެރިންގެ މަސް ކެއުމެވެ.
މިހާރު އުމުރުން ވަރަށް ދުވަސްވެފައި ހުރި ކޯޗޭ ބްރިޓިޝް ޑޭ ޓައިމް ޝޯ "ދަ މޯނިންގް"ގައި ބައިވެރިވެ މި ހާދިސާގެ ތަފްސީލުތައް ކިޔައިދީފައި ވެއެވެ.

އޭނާ ބުނި ގޮތުގައި އެކުވެރިންގެ މަސް ކާން އެންމެން އެއްބަސްވީ ނަމަވެސް އެކަން ކުރަން އެމީހުންނަށް އެހާ ފަސޭހައެއް ނުވި އެވެ.

"ދިރި ހުންނަން ބޭނުންނަމަ އެނޫން އެހެން އެއްވެސް ގޮތެއް ނެތް. އަހަރެމެން އެންމެން ބައްދަލުވުމެއް ބާއްވާފައި މިކަމާ ގުޅޭ ގޮތުން އެކަކު އަނެކަކާ ވަރަށް ގިނައިރު ވަންދެން އަރާރުންވިން. މިކަން ކުރާނީތޯ ނުވަތަ ނުކުރާނީތޯ ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު އެންމެންނަށް ވެސް އެއްބަސްވެވުނީ މިކަން ނުކޮށްފިނަމަ ބަނޑަށް މަރޭ ވާނީ. އެހެންވީމަ އެކަން ކުރާނިއްޔޭ،" ކޯޗޭ ކިޔައިދީފައި ވެއެވެ.

އޭނާ ބުނި ގޮތުގައި އެކަން ކުރަން ނިންމިޔަސް އެކުވެރިއެއްގެ ގައިން މަސްގަނޑެން ކަނޑާލަން ގޮސް އެކަން ކުރަން ވަރަށް އެނާޖީ އާއި ސިކުނޑިއަށް ވިސްނައިދިނުން ބޭނުންވި އެވެ. އަދި ހަކަތަ ހުރެފައި ސިކުނޑިއަށް ވިސްނުނަސް އަމިއްލަ އަތް އެކަން ކުރާކަށް އެއްބަހެއް ނުވެ އެވެ. ވަރަށް ހިތްވަރުން ގިނަ އިރު ތަކަކުން އެކަން ކުރެވުނަސް އެ މަސްތައް ދިރުވާލަން އަނގަ ހުޅުވާލަން އަނގައެއް އެއްބަހެއް ނުވެ އެވެ.
ބޯޓު ވެއްޓުނު ހާދިސާއިން ސަލާމަތްވީ މީހުން ދެން އެހެން ގޮތަކަށް އެއްބަސްވި އެވެ. އޭގެ ތެރެއިން ކޮންމެ މީހަކު މަރުވިނަމަވެސް ދިރި ތިބި މީހުން އޭނާގެ ގައިގެ މަސް ނައްޓައިގެން ކެއުމަށް އެއްބަސްވެފަ އެވެ. މިގޮތަށް އެއްބަސް ވެވުމުން އެމީހުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

އެކުވެރިންގެ ގައިން މަސް ނައްޓައިގެން ކައިގެން މި މީހުން އުޅޭތާ ތިން މަހާ ކައިރިވެފައި ވަނިކޮށް އެމީހުން ސަލާމަތް ކުރެވުނީ އެތަނުން ދެ މީހަކު ވަރަށް ހިތްވަރުކޮށްފައި 10 ދުވަސް ވަންދެން ފަރުބަދައިގެ މައްޗަށް އަރައި ހިނގައިގެން ޖަނަވާރު ހުއިހައްޕާ މީހަކާ ބައްދަލު ވުމުންނެވެ. އެމީހާ ވަގުތުން ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގުމުން އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތުން ފެށި އެވެ. އަދި އިސާހިތަކު ރެސްކިއު ޓީމުތައް އައިސް އެމީހުން ސަލާމަތް ކުރީ އެވެ.

އެ ފަރުބަދަ މަތިން ދިރިހުއްޓާ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް އޮތްތޯ ޝޯގެ ހޯސްޓް ސުވާލުކުރުމުން ކޯޗޭ ބުނީ އޭނާއަކީ އަބަދުވެސް ވަރަށް އަމިއްލަ ނަފްސަށް އިތުބާރުކުރާ މީހެއް ކަމަށާއި ގިނަ ދުވަސް ދުވަހު ސަލާމަތްވާނެކަމުގެ އުންމީދު އޮތް ކަމަށެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ހާލަތު ގޯސްވެގެން ދިޔަދިޔައިނުން ގޮސް ސަލާމަތްވާނެކަމުގެ އުންމީދު ކެނޑުނު ކަމަށާއި ޑިސެމްބަރު 24 ވަނަ ދުވަހަކީ އޭނާގެ ހަޔާތުގެ ފަހު ދުވަސްކަމަށް އޭނާ އަމިއްލައަށް ގަބޫލުކޮށްގެން ހުރި ކަމަށެވެ.

"މެމޮރީޒް އޮފް އެންޑެސް"ގެ ނަމުގައި ކޯޗޭ ވަނީ ފޮތެއް ވެސް ލިޔެފަ އެވެ. މި ފޮތުގައި އެންޑެސް ފަރުބަދަމަތީ އޭނާ ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާތައް ވަރަށް ތަފްސީލުކޮށް ލިޔެފައި ވެއެވެ. އަދި 1993ގައި ރިލީޒްކުރި ފިލްމު "އަލައިވް" އަކީ މި ހާދިސާގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

ކޯޗޭ ބުނީ އެ ފިލްމުގައި ކިޔައިދީފައިވާ ގިނަ ކަންތައްތަކަކީ ހަގީގަތުގައި އެކަންކަން ހިނގާފައިވާ ގޮތެވެ. ނަމަވެސް ފިލްމުގެ ވާހަކަ ލިޔުނު މީހާގެ އަމިއްލަ ޚިޔާލަށް ލިޔެފައިވާ ހަގީގަތާ ޚިލާފު ބައެއް ކަންކަން ވެސް އެ ފިލްމުގައި ދައްކާފައިވާ ކަމަށް ކޯޗޭ ބުންޏެވެ.

މި ހާދިސާއަށް އެތައް އަހަރެއް ފަހުން ކޯޗޭ އާއި އޭނާއާ އެކު ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ބޯޓު ވެއްޓުނު ތަނަށް ޒިޔާރަތްކޮށްފައި ވެއެވެ.

ބޯޓު ވެއްޓުނު ހާދިސާއިން މަރުނުވެ ސަލާމަތްވީ މީހުން އެމީހުންގެ މަރުވެފައިވާ އެކުވެރިންގެ މަސް ކޭ ވާހަކަ އެ ދުވަސްވަރު ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޚީގައި ލިޔެފައި ވެއެވެ. އަދި މިކަމާ ގިނަ ބަޔަކު ރުޅިއައިސް ހިތްހަމަނުޖެހިގެން އުޅެފައި ވެއެވެ. ނަމަވެސް މި ވާހަކަ މާގިނަ ދުވަހެއް ނުވެ އޮބިގެން ދިޔައީ އެވެ.

މަރުވި މީހުންގެ އާއިލާތަކުން ވެސް ދިރިތިބި މީހުން އުޅުނު ހާލު އެނގުމުން ވަގުތާއި ހާލަތުގެ ގޮތުން އެފަދަ ކަމެއް ކުރަން މަޖްބޫރުވީ ކަމަށް ގަބޫލު ކުރި އެވެ.