އެޗްއާރްސީއެމް

ޒިޔާދާގެ މައްސަލާގައި އިހުމާލުވި މީހުނަށް ހަރުކަށި އަދަބު ދޭންޖެހޭނެ: އެޗްއާރްސީއެމް

Dec 30, 2015

ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމަށް އޭނާގެ ފިރި މީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކުގައި މަރުވި، ހާދިސާގައި އިހުމާލުވާ ހުރިހާ ފަރާތަކަށް ހަރުކަށި އަދަބު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ ،އިންސާނަކަށް ވީތީ ލިބިގެންވާ އެންމެ އަސާސީ ހައްޤު ކަމުގައިވާ ދިރިހުރުމުގެ ހައްޤުން މަހްރޫމްވި ޒިޔާދާ މަރުވި ހަބަރު އެ ކޮމިޝަނުން އެހީ ހިތާމައާއެކު ކަމަށާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުލުހުންނާއި، ސިއްހީ އަދި އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކުގެ ހިމާޔަތާއި ރައްކާތެރިކަން ލިބެންވީ ފަރާތަކަށް ޒިޔާދާ ވެފައި، މި ހިތާމަވެރި ހާދިސާ މިފަދަ ގޮތަކަށް ހިނގަން މެދުވެރި ވުމީ މި ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"... މި މައްސަލަ ހަލުވި ކަމާއި އިންސާފުވެރި ކަމާއެކު ތަހުގީގު ކުރުމަށް މި ކޮމިޝަނުން ގޮވާލަމެވެ. ހަމަ އެހެންމެ، ހުރިހާ ފަރާތްތަކުންވެސް ތަޙުޤީޤަށް އެއްބާރުލުންދިނުމަށް ކޮމިޝަނުން އިލްތިމާސް ކުރަމެވެ. އަދި މި މައްސަލާގައި ކުށްވެރިވާ ފަރާތްތަކަށް ޤާނޫނުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށާއި، މިކަމުގައި އިހުމާލުވާ ފަރާތްތަކެއް ވާނަމަ އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭފަރާތްތަކަށް ކޮމިޝަނުން ގޮވާލަމެވެ،" ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

ކޮމިޝަނުން ބުނީ މިއީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވީ ވަގުތު ކަމަށް ދެކޭ ކަމަށާއި ގެވެށި އަނިޔާގެ ގާނޫނު ތަންފީޒު ކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އުޞޫލުތައް ގާއިމްކޮށް ތަންފީޒީ އިދާރާ ތަކުން އިތުރަށް މަސައްކަތްކުރުމަށާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހަރުދާނާ ނިޒާމެއް ޤާޢިމް ކުރުމަށް ކޮމިޝަނުން ގޮވާލާ ކަމަށެވެ.