ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރާކަން އެނގިތިބެ ނުހުއްޓުވި ފަރާތްތައް ހޯދަން ތަހުގީގެއް ފަށާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކަނޑުހުޅުދޫގައި ތުއްތު ކުއްޖާއަށް އާއިލާ މެންބަރެއްގެ ފަރާތުން ޖިންސީ ގޯނާ ކުރި މައްސަލާގައި ކަންބޮޑުވާ ކަމަށާއި އެފަދަ ލާއިންސާނީ އަމަލުތައް ހިންގި ފަރާތްތަކަށް ހަރުކަށި އަަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.
ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރާކަން އެނގިތިބެ ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅައި އިހުމާލުވި ފަރާތްތަކާއި މުއައްސަސާތައް ހޯދުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މައްސަލާގައި މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތް ކައިރިން ބަލަމުން އަންނަ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ކުޑަ ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ އިތުރުން މަޖިލީހުން ވެެސް ވަނީ މި މައްސަލަ ބަލަން ފަށައިފަ އެވެ.