އެޗްއާރްސީއެމް

ރޭޕް ކޭސް ތަކުގައި ހެކި ހޯދަން ގޮންޖެން ކުރިމަތިވޭ: އެޗްއާރްސީއެމް

ޖިންސީ ގޯނާގެ ކުށްތަކުގައި ހެކި ހޯދަން ފުލުހުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އުފަންވެނި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް އެޗްއާރްސީއެމުން ތައްޔާރުކޮށް ނެރުނު ރިޕޯޓުގައި ބުނީ 2011-2015 ދެމެދު ޖިންސީ އަނިޔާ އާއި ގޯނާގެ މައްސަލަތައް ހުށަހެޅުނު މިންވަރު އިތުރު ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ޖިންސީ އަނިޔާކޮށްގެން ފުލުހުންގެ އިދާރާއަށް 2011 ވަނަ އަހަރު 642 މައްސަލައެއް ހުށަހަޅާފައިވާއިރު، ޖެހިގެން އައި 2012 ވަނަ އަހަރު 577 މައްސަލަ، އަދި 2013 ވަނަ އަހަރު 574 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ޖެހި ޖެހިގެން ތިން އަހަރު ޖިންސީ ގޯނާއާއި އަނިޔާގެ ކުށްތަކުގެ ރިކޯޑު އަހަރަކު 500 އިން މަތީގައި އޮތުމަށްފަހު އެ އަދަދު 2014 ވަނަ އަހަރު 470 މައްސަލައަށް ދަށްވި ނަމަވެސް ޖެހިގެން އައި 2015 ވަނަ އަހަރު އަނެއްކާވެސް މައްސަލަތަކުގެ އަދަދު 500 އިން މަތިވެފައިވެ އެވެ.

"ފުލުހުންގެ ރިކޯޑްތަކުން ޖިންސީ ކުށްތައް އިތުރުވެފައިވާކަން ފާހަގަވެފައިވާއިރު، ހަބަރުފަތުރާ ވަސީލަތްތަކުންވެސް މި މައުލޫމާތުތައް ހާމަކޮށް، މި މުއްދަތުގެ ތެރޭގައި މިބާވަތުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކޮށްފައިވޭ. އެގޮތުން މި މުއްދަތުގައި ހިނގި ބައެއް މައްސަލަތަކަށް ބަލާއިރު، 2011 ވަނަ އަހަރުގެ މޭ މަހު 6 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 40 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ. ހަމަ އެ މަހުގެ ތެރޭގައި ގޭންގަކުން 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވި،" އެޗްއާރްސީއެމްގެ ރިޕޯޓުގައި ބުންޏެވެ.

ޖިންސީ ގޯނާގެ ކުށްތަކުގައި އަނިޔާލިބޭ ފަރާތަށް އިންސާފު ލިބުމުގައި ހުރަސްތަކެއް ކުރިމަތިވާކަން ރިޕޯޓުގައި ފާހަގަކުރިއެވެ. އެގޮތުން އެފަދަ މައްސަލަތައް ތަހުގީގުކޮށް އެކަށީގެންވާ ހެކި ހޯދަން ފުލުހުންނަށް ދަތިވާ ކަމަށާއި އެގޮތަށް ދިމާވަނީ ހާދިސާ ހިނގާތާ ދުވަސްތަކެއް ފަހުން، ނުވަތަ ލަސްތަކެއް ފަހުން މައްސަލަ ރިޕޯޓް ކުރާތީ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"އާންމުކޮށް ޖިންސީ އަނިޔާ ލިބޭ ފަރާތްތަކުން އެފަދަ މައްސަލަތައް ހުށަހަޅާނީ ހާދިސާ ހިނގާތާ އިރުތަކެއް ފަހުން، ހަށިގަނޑުގައި ހުންނަ ނިޝާންތައް ފޮހެވިދާ ފަހުން، އޭގެ ސަބަބުން ހެކި ހޯދުމަށް ވަރަށް ބޮޑު ދަތިތަކެއް ފުލުހުންނަށް ކުރިމަތިވޭ،" ރިޕޯޓުގައި ބުންޏެވެ.

ޖިންސީ އަނިޔާޣެ މައްސަލަތަކުގައި އިންސާފު ހޯދޭ މިންވަރު އިތުރު ކުރުމަށް އެފަދަ ކަންކަމަށް މުޖުތަމައު ހޭލުންތެރިކުރަންޖެހޭ ކަމަށް ފުލުހުން ފާހަގަކުރި ކަމަށް ރިޕޯޓުގައި ބުންޏެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ވަގުތުން ރިޕޯޓްކުރުމާއި، ހެކި ނެތިގެންދާނެ ގޮތްތައް އޮޅުން ފިލުވައިދީ، ތައުލީމީ މަންހަޖުގެ ތެރޭގައި އެބާވަތުގެ މައުލޫމާތު ދިނުން ފަދަ ކަންކަން ހިމެނުމަށް އިސްކަމެއް ދޭންޖެހޭކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.