އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މަތުރާގެ 70 އަހަރުގެ މީހަކު އަޖައިބުވާ ވަރުގެ ރެކޯޑެއް ހަދައިފި އެވެ.
މަހެންދުރަ ސިންގް ވަރުމާ ނަމަކަށް ކިޔާ މި މީހާ އިންޑިއާ ބުކް އޮފް ރެކޯޑްސް އިން ޖާގަ ހޯދީ ކަޅި ޖަހާ ނުލާ އެއް ގަޑިއިރު ވަންދެން އިރަށް ބަލަހައްޓައިގެން އޮވެގެންނެވެ. އޭނާ ރެކޯޑް ހެދި ވަގުތު އެ ހިސާބުގައި 39 ޑިގްރީއަށް ހޫނުމިން ހުއްޓެވެ.
މި ރެކޯޑް ގާއިމް ކޮށްފައިވާ ކަމުގެ ސެޓްފިކެޓާއި މެޑަލް އެމީހާ އާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. މި ސެޓްފިކެޓްގައިވާ ގޮތުން މަހެންދުރަ ސިންގް ވަނީ އެއް ގަޑިއިރާއި 26 މިނިޓް ވަންދެން ކަޅި ޖަހާ ނުލާ އިރަށް ބަލަން އޮވެފަ އެވެ.
ރެކޯޑް ހެދުމަށްފަހު ރިޕޯޓަރުން ކައިރީ މެހެންދުރަ ސިންގް ބުނީ އޭނާ މިކަން ޕްރެކްޓިސް ކުރާތާ 20 އަހަރު ވެއްޖެ ކަމަށެވެ.
މި ދިގު މުއްދަތުގައި އިރަށް ބަލަން ގިނަ ވަގުތުތަކެއް ސިންގް ހޭދަކޮށްފައިވީ ނަމަވެސް އޭނާގެ ލޯ އަދިވެސް މުޅިން ބަރާބަރެވެ. އިރަށް އެހާ ގިނަ އިރު ބަލައިގެން އޭނާގެ ލޮލަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތެވެ.
ލޮލުގެ ޚާއްސަ ޑޮކްޓަރު ސަޗިން ޝަރުމާ ވަނީ ސިންގްގެ މި ވާހަކައަކީ ތެދެއްކަން ޔަގީންކޮށްދީފަ އެވެ. ސިންގްގެ ލޯ ވަރަށް ރަނގަޅަށް ބެލުމަށްފަހު ޑޮކްޓަރު ވިދާޅުވީ އޭނާގެ ލޮލުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ސިންގް ރެކޯޑް ހެދިއިރު ގްލޯބަލް ރިސާޗް ފައުންޑޭޝަންގެ މެންބަރުންނާއި ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ވެސް އެ ތަނަށް ހާޒިރުވެ ތިއްބެވެ.
އާއްމު ގޮތެއްގައި އިންސާނެއްގެ އުމުރުން 70 އަހަރުވާއިރު ލޮލުގެ ފެނުން ހުންނަނީ ވަރަށް ދަށްވެފަ އެވެ. ނަމަވެސް އުމުރުން މިހާ ދުވަސްވީއިރުވެސް ސިންގްގެ ލޮލުގެ ފެނުން ބަރާބަރު ވުމަކީ ވެސް އާދައިގެ ކަމެއް ނޫނެވެ.
ސިންގް ބުނި ގޮތުގައި މީގެ 20 ވަރަކަށް އަހަރު ކުރިން އޭނާ މިކަން ޕްރެކްޓިކްސް ކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރި ކަމަކީ ފުޅިބައްތީގެ ހުޅުކޮޅަށް ބަލަހައްޓައިގެން އިނުމެވެ. ދެން ހަމަ ލޮލުން އިރަށް ބަލަން ފެށީ އެވެ. އެގޮތަށް ބަލާ ވަގުތު ގިނަ ކުރަމުން ގޮސް މިހާރު ގަޑިއެއްގެ އިރަށް ވުރެ މާ ގިނައިރު އޭނާއަށް އިރަށް ބަލަން އިނުމަކީ އެއްވެސް ކަމަކަށް ނުވެ އެވެ. ނަމަވެސް އޭނާ ރެކޯޑް ހެދި ވަގުތު އެތާގައި މޮނިޓާކުރަން ތިބި އޮފިޝަލުން އެކަން ހުއްޓުވީ އެވެ. އެހެން ނޫންނަމަ ދެ ގަޑިއިރު ވިޔަސް ސިންގް އިރަށް ބަލަން އިނުމަކީ އެކަށީގެންވާ ކަމެކެވެ.
ސިންގް ދަންނަ ގިނަ މީހުން މިހާރު އޭނާއަށް ހިތްވަރުދެނީ ގިނިސް ވޯލްޑް ރެކޯޑްސް ހަދަން ރަޖިސްޓްރީ ވުމަށެވެ.