އެމްއެންޑީއެފް

ސައީދު ހޯދުމަށް 55 މޭލުގެ ސަރަހައްދެއް ބަލައިފި

May 3, 2022

ފުވައްމުލަކުގެ ނެރާ ދިމާލު ބޭރުގައި ޑައިވިން ކުރަނިކޮށް ގެއްލުނު މަހްމޫދު ސައީދު ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ކަނޑުގެ 55 ނޯޓިކަލް މޭލުގެ ސަރަހައްދެއް ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލައިފި އެވެ.

މުހައްމަދު ސައީދާއި އިތުރު މީހަކު ޑައިވިން އަށް ގޮސް އުޅެނިކޮށް ސައީދު ގެއްލުނީ އިއްޔެގެ ވަގުތެއްގަ އެވެ. މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައެއް ނުވެ އެވެ.

ސައީދުއާ އެކު ފީނި ދެވަނަ މީހާ -- މަހްމޫދު ފާއިޒު ޑީކޯ ވެގެން އިތުރު ފަރުވާ އަށް ރޭ 10:27 ހާއިރު ވަނީ ދ. އަތޮޅު ކަނޑިންމަ ރިސޯޓަށް ގެންގޮސްފަ އެވެ.

މުހައްމަދު ސައީދު ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ސައީދު ގެއްލުނު ކަނޑުގެ ސަރަހައްދުުގެ 55 އަކަ ނޯޓިކަލް މޭލު މިހާތަނަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލާފައިވާ ކަމަށެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ވެސް ސައީދު ފެނޭތޯ ބަލައިދިނުމަށާއި އަދި އޭނާއާ ގުޅޭ އެއްވެސް ހަބަރެއް އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަމެއް ހިއްސާކުރުމަށްވެސް ސިފައިންގެއިން އެދިފައިވެ އެވެ.

މުހައްމަދު ސައީދު ގެއްލުނު ސަރަހައްދަކީ ގިނަ އަދަދަކަށް ޓައިގަ ޝާކް ނުވަތަ ފެމުނު މިއަރު އުޅޭ ސަރަހައްދަކަށް ވާތީ އެ ސަރަހައްދަކީ ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ޑައިވް ސްޕޮޓެކެވެ. އެ ސަރަހައްދަށް ފީނަންދާ މީހުން މިޔަރުތަކާ އެކު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ.

ސައީދު ގެއްލިފައިވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކޮށްފައި ވަނިކޮށެވެ.