މުހައްމަދު ނާޒިމް

މިނިވަން ނޫސްވެރިކަމަށް އެއްބާރުލުން ދެއްވުމަށް ގޮވާލައްވައިފި

May 3, 2022

މިނިވަން ނޫސްވެރިކަމެއް ކުރުމަށް ދައުލަތުން އެއްބާރުލުން ދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.

ނާޒިމް މިކަމަށް ގޮވާލައްވާފައި މިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ދުވަހާ ގުޅިގެން ނާޒިމް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހެޔޮއެދުންތައް ނޫސްވެރިންނާއި ނޫސް އިދާރާ ތަކުގެ ވެރިންނަށް ފޮނުއްވާފަ އެވެ.

ނާޒިމް ވިދާޅުވީ މިނިވަން އަދި މުޖުތަމައަށް ބޭނުންތެރި ނޫސްވެރިކަމެއް ކުރުމަށް ދައުލަތުން އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އަދި އީޖާދީ ބަދަލުތައް ނޫސްވެރިކަމަށް އައުމަށް އެދޭ ކަމުގައިވެސް ވިދާޅުވި އެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ނޫސްތަކަށް އިންޑިއާ އިން ނުފޫޒު ފޯރުވުން ކަމަށެވެ. މީގެއިތުރުން އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމުގައި ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލަ ވެސް އިދިކޮޅު ކޯލިޝަނުން ފާހަގަކޮށްފައިވެ އެވެ.

ދުވަހާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރި ކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު އުފާކުރައްވާ ކަމަށެވެ.

ނޫސްވެރިކަމަށް މިނިވަންކަން ދެވުނު ކަމަށް ރައީސް ވިދާޅުވި ނަމަވެސް ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ 15 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އެކުލަވާލަނީ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުންނެވެ.

އެ ޖަމިއްޔާގެ ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގަ އެެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ ލިސްޓްގެ 87 ވަނައިގަ އެވެ.