އެމްއޭސީއެލް

އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި

May 3, 2022

އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.

ބަޖެޓް އެއަލައިންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެއާލައިން ކަމަށްވާ އެއާ އޭޝިއާގެ ރާއްޖޭގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް 19ގެ ހާލަތު ގޯސްވެ ގެއްލުންވަމުން ދިއުމާ ގުޅިގެން 2020 ވަނަ އަހަރު އެވެ.

އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައި މިވަނީ ކޮވިޑް 19އާއި ގުޅިގެން މެލޭޝިއާގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު މިމަހުގެ އެއްވަނަ ދުވަހު އަލުން ހުޅުވާލުމާ ގުޅިގެންނެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން އެއާ އޭޝިއާގެ ފްލައިޓެއް މިއަދު ވަނީ މެލޭޝިއާ އިން ރާއްޖެއަށް ދަތުރުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސާފަ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާ އޭޝިއާ އިން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ.