ޔުކްރޭން ސަރުކާރުން އެ ގައުމުގެ ރައްޔިތުންނާ މެދު އަމަލަކުރަނީ ޖަރުމަނުގައި ހިޓްލަރު އަމަލުކުރި ގޮތަށް ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ޔުކްރޭންގައި ހިންގާ ހިޓްލަރުގެ އަމަލުތަކަށް އިޒްރޭލު ވެސް އޮތީ ރުހިގެން ކަމަށެވެ.
ރަޝިއާ ފޮރިން މިނިސްޓްރީގެ މިބަޔާނާ ގުޅިގެން އިޒްރޭލުން ވަނީ އަދި ވަކިން ބޮޑަށް ރުޅިގަދަވެފަ އެވެ. އެއީ މީގެ ކުރިން ވެސް އިޒްރޭލުގެ ޔަހޫދީންނާ ހިޓްލަރާ އަޅާކިޔައި ރަޝިއާއިން ވާހަކަދައްކާފައި ވާތީ އޭރުވެސް އިޒްރޭލު ރުޅި އައެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އިޓަލީ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ޔުކްރޭނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ހިޓްލަރުގެ އަސްލަކި ޔަހޫދީ ދަރިކޮޅު ކަމަށެވެ.
ލަވްރޯފް ވިދާޅުވީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތީ ހިޓްލަރުގެ ފިކުރަށް ތަބާވާ ބަޔަކު އެ ގައުމުގައި ވެރިކަންކުރާތީ އެކަން ނައްތާލަން ކަމަށެވެ.
ޔުކްރޭންގެ ވެރިއަކަށް ހުންނެވީ ޒެލެންސްކީ އަކީ ހަޔޫދީއަކަށް ވާއިރު ޔުކްރޭންގައި ހިޓްލަރުގެ ފިކުރު އޮންނާނީ ކޮން ގޮތަކަށްތޯ ޕްރެޒެންޓަރު ސުވާލުކުރުމުން ލަވްރޯފް ވިދާޅުވީ ހިޓްލަރު ނިސްބަތް ވަނީ ޔަހޫދީ ދަރިކޮޅަށް ކަމަށެވެ.
ސަރުގޭ ލަވްރޯފްގެ އިންޓަވިއުއާ ގުޅިގެން އިޒްރޭލުގައި ހުންނަވާ ރަޝިއާ ސަފީރު، އިޒްރޭލުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ލަވްރޯފްގެ ވާހަކަތައް ކުށްވެރިކުރާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އަދި އިންކާރުކުރުން ރަސްމީ ސިފައިގައި ލިޔުމުން ވަނީ ހަވާލުކޮށްފަ އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި ހިޓްލަރަކީ ޔަހޫދީންނަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި އެތައް އަނިޔާއެއްކުރި މީހަކަށް ވާއިރު އެފިކުރަން އިޒްރޭލު ރުހޭނެ ކަމަށް ބުނުމަކީ ލަވްރޯފް ވިދާޅުވި ކުށެކެވެ. އަދި އެފަދަ ބުނުންތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވީދައިގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ލަވްރޯފް ވަނީ އިޒްރޭލުގެ ވެރިންނަށް ތާރީޚް އޮޅިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަނިޔާވެރިކަމަކީ ހިޓްލަރުގެ ކިބައިން އުފެދިގެން އައި ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ދުނިޔޭގައި މިހާރު އެންމެ އަނިޔާވެރީ ކޮން ބައެއްތޯ ވެސް ލަވްރޯފް ސުވާލުކުރެއްވި އެވެ.
ރަޝިއާ - ޔުކްރޭން ހަނގުރާމާގައި އިޒްރޭލު ތާއީދުކުރަނީ ޔުކްރޭނަށެވެ. އެކަމަކު އެއީ ރަޝިއާއާއެކު އޮތް ގުޅުން މުޅިން ކަނޑައިގެން ނުދާވަރު ބަލައިގެންނެވެ.
އެހެން ނަމަވެސް ރަޝިއާއިން ޔުކްރޭންގައި ހަނގުރާމައިގެ ޖަރީމާތަކެއް ހިންގަމުން ގެންދާ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދު ވަނީ ވިދާޅުވެފަ އެވެ.