ޓެކްނޯލޮޖީ

ލޮޓީފައިލްސް އަށް އިތުރު 37 މިލިއަން ޑޮލަރު

May 4, 2022

ދިވެހި ޒުވާނުން ތަކެއް ގުޅިގެން އުފައްދާފައިވާ އެނިމޭޝަންސްއަށް ހާއްސަ ކުންފުނި ނުވަތަ ޕްލެޓްފޯމް ލޮޓީފައިލްސް އިން ދުނިޔެއަށް ނުކުމެ އިތުރު 37 މިލިއަން ޑޮލަރު -- 571.7 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) އިސް ދައުރެއް އަދާކޮށްގެން ފެށި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ކުންފުންޏަށް ސީރީޒް ބީ ނުވަތަ އިންވެސްޓްމަންޓް ހޯދުމުގެ ދެވަނަ ބުރުގައި 37 މިލިއަން ޑޮލަރު ލިބުނުކަން އިއުލާނު ކުރުމާއެކު ރާއްޖޭގެ ޓެކޮނޮލޮޖީ އަދި އެންވަޔަރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ އެ ކުންފުނީގެ ފައުންޑަރުންނަށް މަރުހަބާ ކިޔާފަ އެވެ.

ލޮޓީފައިލްސް އަށް އިތުރު އިންވެސްޓްމަންޓް ލިބުނުކަން އިއުލާނުކޮށް ބުނީ މި ބުރުގައި ފަސް ފަރާތަކުން އިންވެސްޓްކޮށްފައި ވާއިރު މީގެ ތެރޭގައި މަޝްހޫރު ޓެކްނޮލޮޖީ ޖަޔަންޓް މައިކްރޮސޮފްޓް ވެސް ހިމެނޭ ކަމަށެވެ.

ލޮޓީފައިސްލް އަށް މީގެ ކުރިން ވެސް މައިކްރޮސޮފްޓްގެ ވެންޗާ ފަންޑުން ނުވަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ދީފައިވެ އެވެ.

މި އިންވެސްޓްމަންޓާއެކު މި ކުންފުންޏަށް ލިބުނު އިންވެސްޓްމަންޓުގެ އަގު ވަނީ 47 މިލިއަން ޑޮލަރު -- 700 މިލިއަން ރުފިޔާ އަށް އުފުލިފަ އެވެ.

ލޮޓީފައިލްސް އަކީ މި ކުންފުނީގެ މިހާރުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީޓީއޯ) ނައްޓު އާއި ސީއީއޯ ޝިޓީޖް މިންގްލާނީ އިސްވެ ތިބެ 2017 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

މިހާރު މި ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ އަދަދު ތިން މިލިއަންއަށްވުރެ ގިނަ އެވެ. އަދި މި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ރާއްޖޭގައި ތިބެގެންވެސް ގިނަ އަދަދެއްގެ ޑިވްލޮޕަރުން ދަނީ މަސައްކަތް ކުރަމުންނެވެ.