ރާއްޖޭގައި ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް އުފެއްދުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް ވިދާޅުވީ "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ރާއްޖޭގައި ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް އުފައްދައި، އަހަރުން އަހަރަށް ލިބޭ ޒަކާތް ބެހުމުގެ މަސައްކަތް އެ އިދާރާ އިން ކުރާ ގޮތަށް ހަމަޖެއްސުން މުހިއްމު ކަމަށެވެ. އެގޮތަށް ކަންކަން އިންތިޒާމު ކުރެއްވިއްޖެނަމަ ފަގީރުކަން ނައްތާލެވިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޒަކާތާ ބެހޭ ހާއްސަ އިދާރާއެއް އުފައްދައި، އަހަރުން އަހަރަށް ލިބޭ ޒަކާތް ބެހުމުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުން ވަކި މިންވަރެއް ބެހެނިވެރިންގެ ހައްގުގައި އިންވެސްޓްކުރުމަކީ ގައުމުން ފަގީރުކަން ނައްތާލުމުގެ މަގެއް،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޝަހީމް ވިދާޅުވީ ޒަކާތާ ބެހޭ ވަކި އިދާރާއެއް އުފެއްދި ނަމަވެސް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް އެ އިދާރާ ހިންގިދާނެ ކަމަށެވެ. އެފަދަ އިދާރާއެއް ވަންނާނީ ޒަކާތުގެ (އާމިލް)ގެ މަފްހޫމުގެ ތެރެއަށް ކަމުގައި ވިދާޅުވި އެވެ.
"ނަތީޖާއަކީ އެ އިދާރާ ހިންގުމުގެ އެންމެހާ ހަރަދެއް ކުރާނީ ސީދާ ޒަކާތުގެ އާމިލުންގެ ބައިން. އާމިލުންނަކީ ޒަކާތް ނަގައި ބަހާ ފަރާތް." ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒަކާތާ ބެހޭ ވަކި އިދާރާއެއް އުފެއްދުމުން އެ އިދާރާ އިން އިންވެސްޓް ކުރާ ޒަކާތު ފައިސާ އިން ލިބޭ ފައިދާއިން ފަގީރުންނަށް ބޭނުންވާ އެންމެހާ ޒަރޫރީ ކަންކަން ކުރެވޭނެ ކަމަށެވެ.
"މިސާލަކަށް ދިރިއުޅޭނެ އެޕާޓްމަންޓް ދިނުމާއި ބޭސް ފަރުވާއާއި ތައުލީމާއި މިފަދަ ކަންކަން ދަރަންޏަކާ ނުލައި ކުރެވިދާނެ." ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ގަބޫލުކުރައްވާ ގޮތުގައި އިސްލާމީ ދުނިޔޭގައި މުދަލު ޒަކާތް ނަގައި ބެހުމުގައި އެންމެ ރަނގަޅަށް ހިންގަމުން ގެންދަނީ ކުވައިތުގެ ޒަކާތު ހައުސް އެވެ. އެ އިދާރާ އަށް 2019 ވަނަ އަހަރު އޯއައިސީން އެވޯޑް ވެސް ދީފައިވެ އެވެ.
ރާއްޖޭގެ މިހާރު ފިތުރު ޒަކާތް ބަލައިގަނެ ލިބޭ ފައިސާއާ މެދު އަމަލުކުރާނެ ގޮތްތައް ނިންމަނީ އިސްލާމިކް މިނިސްޓްރީންނެވެ. މުދަލު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާ އިންނެވެ.