ސިނަ މާލެ ބްރިޖް

ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާގެ އެންމެ ބިޔަ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ ހުޅުލެ-މާލެ ބްރިޖްގެ މަސައްކަތްކުރުން ރަސްމީކޮށް ހަވާލުކޮށް، ބްރިޖްގެ އަމަލީ މަސައްކަތް މިރޭ ފަށައިފި އެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ސީސީސީސީ ކުންފުނީގެ ރައީސް ވަން ޖީ ފަންގްއެވެ.

ކޮންސްޓްރަކްޝަން އެގްރިމެންޓްގެ އިތުރުން ބްރިޖްގެ އިމްޕްލިމެންޓޭޝަން އެގްރިމެންޓްގައި ވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓަރާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

މި އެއްބަސްވުމަކީ، ބްރިޖް ފެށުމުގެ ކުރިން ނިންމަންޖެހޭ ބައެއް ކަންތައްތައް ހިމަނައިގެން، ފައިނޭންޝަނަލް ކަންތައްތަކާއި ދެ ފަރާތުން ވެސް އަމަލުކުރަންޖެހޭ އުސޫލުތަކާއި އެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކުގެ ތަފްސީލު އެކުލެވެއެވެ.

މި ޕްރޮޖެކްޓަށް 250 އެއްހައި މިލިއަން ޑޮލަރު ހަރަދު ވާއިރު 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަންޑޮލަރު ދިވެހި ސަރުކާރުން ވަނީ ލޯނެއްގެ ގޮތުގައި ނަގާފަ އެވެ.

ބްރިޖްގެ ދިގުމިނުގައި ޖުމްލަ 2 ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.