އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީވެސް އިއުލާނު ކުރައްވައިފި އެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްްވަނީ ފައްޔާޒާއެކު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ. ކެމްޕެއިންގެ ފޯރި ވަރަށް ގަދަވެފައިވާއިރު އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއި ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ތާއީދު ކުރައްވާ ކެންޑިޑޭޓް ހާމަ ކުރައްވަމުންނެވެ.
ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ އިސް ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. މިނިސްޓަރުންވެސް ގެންދަވަނީ އެ ބޭފުޅުންގެ ތާއީދު އޮތްގޮތް ހާމަ ކުރައްވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ފައްޔާޒާއެކު ނަންގަވާފައިވާ ފޮޓޯއެއް އާންމު ކުރައްވާ ފައްޔާޒާއެކު ހުންނެވި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް މިއަދު ވަނީ ފައްޔާޒަށް ތާއީދު ކުރައްވާ ކަަމަށް ވިދާޅުވެފައެވެ.
މީގެ ކުރީން ހެލްތް މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ ފައްޔާޒަށް ކާމިޔާބަށް އެދިވަޑައިގެން ނަސީމް ހުންނެވީ ފައްޔާޒާއެކު ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރުންގެ ތެރެއިން ފައްޔާޒްގެ ކެމްޕެއިންގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަމީރު ގެންދަވަނީ ފައްޔާޒްގެ ކެމްޕެއިނަށް ރަށްރަށްވެސް ވަޑައިގަންނަވަމުންނެވެ. ވަރަށް ވަރުގަދަ ކެމްޕެއިނެއް އަމީރު ކުރައްވަމުން ގެންދަވައެވެ.
ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަށެވެ. އިމްތިޔާޒަށް ތާއީދު ކުރައްވާކަން ސާފުކޮށް ވިދާޅުނުވި ނަމަވެސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތުން އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރާއި ފައްޔާޒަށް ނިސްބަތްކޮށް އެކި ކަހަލަ ވާހަކަ ދައްކަވަމުންނެވެ.
އިންތިއަށް ތާއީދުކުރައްވާކަން ފާޅުގައި ހާމަކުރައްވަން ނަޝީދަށް ކެރިވަޑައިނުގަންނަވަނީ އެމަނިކުފާނު އެކަން ކުރައްވައިފިނަމަ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައްޔާޒުގެ ދިފާއުގައި ނިކުންނަވާނެތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ނަމަވެސް ނަޝީދު ގެންދަވަނީ ނުސީދާކޮށް އިމްތިޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ. ފައްޔާޒަށް ތާއީދު ކުރައްވާކަން މިނިސްޓަރު ޝައުނާ ހާމަކުރެއްވުމުން ޓްވިޓާ މެދުވެރިކޮށް ނަޝީދު ވަނީ ޝައުނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިންޒާރު ކުރައްވާފައެވެ.