ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފެންނަމުން ދަނީ އަމިއްލަ ޖާހަތު ބޮޑުކުރަން އުޅުމުގެ ހިތި ނަތީޖާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެ އެވެ.
ޖަމީލްގެ ފާޑުވިދާޅުވުމުން ނަޝީދަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއަށް ތާއީދު ކުރެއްވުމަށް މިނިސްޓަރު އައިމިނަތު ޝައުނާ ނިންމެވުމުން ރުޅިވެރިކަމާއެކު އެކަމަނާއަށް ރައްދު ދެއްވާ ނަޝީދު ފާޑުވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ސިވިލްއޭވިއޭޝަން މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވީ މިހާރު ރައީސް ނަޝީދުއަށް އެމަނިކުފާނުގެ ސިޔާސަތު ޕާޓީތެރޭގައި ވެސް ނުހިނގާކަން ގަބޫލް ކުރަން ވެއްޖެ ކަމަށެވެ. އަދި މިއަދު ފެންނަމުން ދަނީ ޑިމޮކްރަސީއޭ ކިޔާ އަމިއްލަ ޖާހަތު ބޮޑުކުރަން އުޅުމުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ.
"މުރައިދޫ ރަދުންގެ ތާޖު ރައްޔިތުންނަށް ވަރަށް ބޮޑު ތަކްލީފެއް،" ނަޝީދަށް އަމާޒު ކުރައްވާ ޖަމީލް ވިދާޅުވިއެވެ.
ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ޝައުނާ މިއަދު ވަނީ އޭނާގެ ތާއީދު ފައްޔާޒަށް އޮތްކަން ހާމަ ކުރައްވާފައެވެ. ޝައުނާގެ މެސެޖްގައި 2008 ވަނަ އަހަރު އިންތިހާބުވީ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ގެނެސްދިން ބަދަލުތަކާއި އަދި 2018 ގައި އުފެދި ހިނގަމުންދާ އެމްޑީީޕީގެ ސަރުކާރުން ކުރީގެ ސިޔާސަތުތައް ދަމަހައްޓަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އަދި އެމްޑީޕީ އުފެދިގެން އައި މަގުސަދުތަކާއި ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަ ދެއްކެވިއެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޝައުނާގެ ނިންމެވުމަކީ އެކަމަނާގެ މިނިސްޓަރުކަން ދެމެހެއްޓުމަށް އަމިއްލަ އެދުމުގައި ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވުމަށް މިނިސްޓަރު ޝައުނާއަށް އިންޒާރު ކުރެއްވިއެވެ.
"އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަަރަށް ސާފުވާނެ،" ނުސީދާކޮށް އިމްތިޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ނަޝީދު ވިދާޅުވިއެވެ.