ޑރ. މުހައްމަދު ޖަމީލް އަހުމަދު

ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ: ޖަމީލް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް އޮވެއްޖެނަމަ އެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. "އާސްކް ސްޕީކާ" ގެ ތިންވަނަ ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށާއި އޭގެ ފަހަށް ބޮޑުވަޒީރަކަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފުރުސަތު ލިބިވަޑައިނުގެން ރިޔާސީ އިންތިހާބާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފިނަމަ އަލުން ވެރިކަމަށް ވަޑައިގަތުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލް ވިދާޅުވީ ދިވެހި ރައްޔިތުން ވެރިކަމުގެ ނިޒާމެއް ކަނޑައަޅާފައިވާ ކަމަށެވެ. 2007 ވަނަ އަހަރު ނެގުނު ނިޒާމީ ވޯޓްގައި ރައީސް ނަޝީދަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަަމަށްވެސް ވިދާޅުވިއެވެ. އެ އަހަރުގެ ނިޒާމީ ވޯޓްގައި އެމްޑީޕީން ބޭނުންވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށެވެ. ނަމަވެސް 62.04 ޕަސެންޓުން ރައްޔިތުން ނިންމީ ރިޔާސީ ނިޒާމެއް އޮތުމަށް ކަމަށެވެ.

"ޕާޓީ އެކްޓިވިސްޓުން ޗާޖުކުރަން ދަައްކަންވެސް ނިޒާމުގެ ވާހަކަ މިހާރު ބާވެއްޖެ. އިންޝާﷲ. ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ،" ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރޭގެ ޕްރަގްރާމްގެ ކުރީންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުވާލައި ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް މެސެޖަކުން ދަންނަވާފަ އެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ވެސް ކުރައްވާފަ އެވެ.

އަދި އެ މެސެޖް މެދުވެރިކޮށް އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އިރު ސަރުކާރު އުވާލައި 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވަން އެދި ވަޑައިގަތެވެ. އެއީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައި ބޮޑުވަޒީރު ކަމުގެ މަގާމަށް އެ މަނިކުފާނު ވަޑައިގަތުމަށެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށާއި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށެވެ.