ކިތަންމެ ހިތްތިރި އާދައިގެ ބޭފުޅެއް ކަމަށް ރައްޔިތުންނަށް ދައްކަން މަސައްކަތް ކުރިނަމަވެސް ނިކަމެތި ރައްޔިތުންގެ ޓެކްސް ފައިސާއިން ދެ މުސާރަ އާއި ބޮޑެތި އިނާޔަތްތައް ރައީސް މުހައްމަދު ނަޝީދު ހޯއްދަވާކަން ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިންގައި ރަައީސް ނަޝީދު އުޅުއްވަނީ ވަރަށް ބިޒީކޮށެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ގޭގެއަށް ޒިޔާރަތް ކުރައްވާ ދޮރުން ދޮރަށް ހިންގަވާ ތަފާތު އެކި މަސައްކަތްތަކުގައި އަވަދި ނެތި އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އެމަނިކުފާނަށް ތާއީދު ކުރާ މީހުން ގެންދަނީ އާންމު ކުރަމުންނެވެ.
އެކަންކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ނަޝީދުގެ ހަގީގަތް ރައްޔިތުންނަށް ސާފު ކަމަށެވެ. ކިތަންމެ ހިތްތިރި އާދައިގެ ބޭފުޅެއް ކަމަށް ރައްޔިތުންނަށް ދައްކަން މަސައްކަތް ކުރިނަމަވެސް ނިކަމެތި ރައްޔިތުންގެ ޓެކްސް ފައިސާއިން ދެ މުސާރަ އާއި ބޮޑެތި އިނާޔަތްތައް ރައީސް މުހައްމަދު ނަޝީދު ހޯއްދަވާކަން ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށާ ބާރު ލިބުމުން ޕާޓީގެ ލަފާދާރުންނަށް މަޖިލިސް ރައީސްކަން ނުދިން ކަމަންވެސް ރައްޔިތުންނަށް ސާފު ކަމަށެވެ.
"ވަޒީފާތަކަށް އާއްމުން އެއްފަރާތްކޮށް އާއިލީ އަދި ރަހުމަތްތެރިންނަށް ނުދޭ ކަމަކަށް ނުވާނެ. މަޖިލީހުގައި ރުޅިވެރިކަން އިސްކުރާތަން ފެނިއްޖެ. މިހުރިހާ ކަމަކުން ފަޅާއެރީ ތިއީ ވަރަށް ފޭކު ބޭފުޅެއްކަން. ތިރީލައިން ވިޕްއަޅުއްވާ މާލެ ޝިފާ ލައްވާ ސާފުކުރައްވާ،" ރައީސް ނަޝީދަށް ފާޑުވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އިންތިހާބުތަކާއި ދިމާކޮށް ގޭގެއަށް ވަޑައިގެން އެކި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވާތީ ވާދަވެރިންގެ ފާޑުކިޔުން ރައީސް ނަޝީދަށް އަބަދުވެސް އަމާޒުވެއެވެ. ނަމަވެސް ނަޝީދުގެ އެ މަސައްކަތްޕުޅު އެމަނިކުފާނަށް ވަފާތެރި ސަޕޯޓަރުން ވަރަށް ބޮޑަށް ޕްރޮމޯޓް ކުރެއެވެ.