ލައިފްސްޓައިލް

ރޯލާކޯސްޓާ މައްސަލަޖެހި އެކޮޅުކޮޅުން އެލިފައި 45 މިނިޓު

އެމިއުސްމަންޓް ޕާކުތަކުގައި ހުންނަ ރޯލާކޯސްޓާ ފަދަ އެއްޗިއްސަށް އެރުމަކީ ބައެއް މީހުންނަށް ވަރަށް މަޖާ ކަމެކެވެ. އަނެއް ބަޔަކު ބިރުން އެއްގޮތަކަށް ވެސް އެފަދަ އެއްޗިއްސަކަށް އަރާކަށް ނުކެރެ އެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގެ ކެރޯވިންޑްސް އެމިއުސްމަންޓް ޕާކަށް ޒިޔާރަތްކުރި ބައެއް މީހުން އެ ދުވަހު ރޯލާކޮސްޓާއަށް އެރީ އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އުންމީދުގަ އެވެ. ނަމަވެސް އެއަށް އެރިތާ މާގިނައިރެއް ނުވެ އެމީހުންގެ އުފަލާއި މަޖާ ބިރުވެރި ހުވަފެނަކަށް ބަދަލުވި އެވެ. އެމީހުން ރޯލާކޯސްޓާގައި އެކޮޅުކޮޅުން ތިބި ވަގުތެއްގައި އެއަށް މައްސަލައެއް ދިމާވެ ހުއްޓުނީމަ އެވެ.

ނަސީބަކުން އެ އެންމެންވެސް ތިބީ ބެލްޓާއި ރައްކާތެރިކަމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކޮށްގެން ކަމުން އޭގެން އެކަކުވެސް ރޯލާކޯސްޓާ އަކުން ނުވެއްޓެ އެވެ. ނަމަވެސް ރޯލާކޯސްޓާ ރަނގަޅުކުރާ ޓެކްނީޝަނުން އައިސް މަސައްކަތް ކޮށްގެން އެ ރަނގަޅު ކުރެވި އެމީހުން އޭގެން ބޭލޭވަރުވީ 45 މިނިޓެއްހާއިރު ފަހުންނެވެ. އެ ހުރިހާއިރު އެމީހުންނަށް ތިބެން ޖެހުނީ އެކޮޅުކޮޅުންނެވެ.

ރޯލާކޯސްޓާ އަށް އަރައި ފުރަތަމަ އޭތި އެނބުރެން ފެށުމުން މަޖާ ވެގެން ހީނ ހަޅޭއްލަވާ ހެދި އެންމެންނަށް ފަހުން ޖެހުނީ ރޮއިހޭރެމުން އެހީއަށް އެދި ގޮވާށެވެ.

އެކޮޅުކޮޅުން އެލިފައި ތިބި މީހުންގެ ތެރެއިން އެކަކު ކަމަށްވާ ބްރެންޑަން އެލަން ފޮކްސް59 ނިއުސް އަށް ދިން އިންޓަވިއު އެއްގައި ބުނީ ތީމް ޕާކްގެ ރޯލާކޯސްޓާ ރައިޑް ތަޖުރިބާކޮށްލަން އޭނާ އެއަށް އެރީ ވަރަށް އުފަލުން ހުރެ ކަމަށެވެ. ނަމަވެސް ކަންތައްތައް ވީ ދިމާ އިދިކޮޅަށް ކަމަށާއި ކުރެވުނު ތަޖުރިބާއިން ބިރުން ހަލާކުވާވަރުވި ކަމަށެވެ.

އޭނާ ކުރި ބިރުވެރި ތަޖުރިބާ ކިޔައިދެމުން އެލަން ބުނީ އޭނާގެ ލޮލުން އޮހޮރުނު ކަރުނަތައް ތިރިއަށް ފައިބަމުންދިޔަ ތަން ހުދު އޭނާއަށް ފެންނަމުން ދިޔަ ކަމަށެވެ. އަދި އެއީ ވަރަށް ބިރުވެރި ތަޖުރިބާއެއް ކަމަށެވެ.

"އެންމެ މައްޗަށް އަރައި އެންމެން އެކޮޅުކޮޅުން ތިބި ވަގުތު ކުއްލިއަކަށް ރޯލާކޯސްޓާ އޮޕަރޭޓްކުރާ މީހާ ބުނި ޓެކްނިކަލް މައްސަލައެއް ދިމާވެއްޖޭ. އަހަރެމެން ހީކުރީ ޖޯކަކަށް ބުނި އެއްޗެއް ކަމަށް. އެއީ މި ރޯލާކޯސްޓާ ރައިޑްގެ ސަޕްރައިޒް އެލެމެންޓެއް ކަމަށް. ނަމަވެސް ހަމަ ހަގީގަތުގައި ވެސް މައްސަލަ ޖެހިފައި ރޯލާކޯސްޓާ ހުއްޓިފައިވާކަން އެނގުމުން ވަރަށް ބިރުގަން. އިރުކޮޅަކުން ބުނެފި 35-40 ވަރަކަށް މިނިޓް ވާނޭ ރަނގަޅު ކުރަން،" އެލަން ބުންޏެވެ.

ރޯލާކޯސްޓާ އަށް ދަރިން އަރުވައިގެން ބިންމަތީގައި އެ މަންޒަރު ބަލަން ތިބި މައިންބަފައިން ވެސް އެމީހުންގެ ދަރިންނަށް ބިރުން ކަމެއް ވެދާނެތީ އެމީހުންނާ ވާހަކަ ދައްކަމުން ދިޔަ ކަމަށާއި ނަސީބަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުވެ 45 މިނެޓެއްހާއިރު އެހެން ތިބި ފަހުން ރޯލާކޯސްޓާ މަރާމާތުކޮށް އެންމެންނަށް ތިރިއަށް ފޭބުނުކަމަށް ވެސް އެލަން ބުންޏެވެ.