ބޮލީވުޑް

"ކޮފީ ވިތު ކަރަން"އާ ގުޅޭ ގޮތުން ކަރަން ބޮޑު ދޮގެއް ހަދައިފި

ކަރަން ޖޯހަރްގެ މަޝްހޫރު ސެލެބްރިޓީ ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ އާ ސީޒަނެއް ނޯންނާނެ ކަމަށް ބުނެ ބުދަ ދުވަހު ހެނދުނު ކަރަން ވަނީ ސޯޝަލް މީޑިއާގައި ވަރުގަދަ އިއުލާނެއް ކޮށްފަ އެވެ.

ކަރަން މިގޮތަށް އިއުލާން ކުރުމުން ޝޯގެ ފޭނުން މިކަމާ ދެރަވެގެން ވަރަށް އަޑުގަދަކޮށް ކޮމެންޓުތައް ކޮށްފައިވެ އެވެ. ނަމަވެސް މިއީ ކަރަން ކަނޑައެޅިގެން ހެދި ބޮޑު ދޮގެއްކަން އިސާހިތަކު އެންމެންނަށް ވަނީ އެނގިފަ އެވެ.

އެކަން އަމިއްލައަށް ފަޅާ އަރުވާލީ ވެސް ހުދު ކަރަން އެވެ. "ކޮފީ ވިތު ކަރަން"ގެ ހަތްވަނަ ސީޒަން ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާކަން އިއުލާން ކޮށްގެންނެވެ.

ކުރިން މި ޝޯ ދައްކާފައިވަނީ ސްޓާ ނެޓްވޯކްގެ ޗެނަލްތަކުން ނަމަވެސް ކުރިއަށް އޮތް ސީޒަން ދައްކަން ހަމަޖެހިފައިވަނީ އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ޑިޒްނީ + ހޮޓްސްޓާ އިންނެވެ.

މިފަހަރުގެ ޝޯގައި ކުރީ ސީޒަންތަކަށް ވުރެ މާ ޝައުގުވެރިވާ ކޮމްބިނޭޝަންސްތަކުގެ ފިލްމީ ތަރިން ބައިވެރި ކުރާނެ އެވެ. އަދި ތަފާތު ގިނަ ގޭމްތައް ވެސް މިފަހަރު އަލަށް ތައާރަފްކުރަން ވަނީ ހަމަޖެހިފަ އެވެ.

"ކޮފީ ވިތު ކަރަން"ގެ އާ ސީޒަންގެ ޝޫޓިން މޭ ހަތްވަނަ ދުވަހު ފަށަން އެންމެ ފަހުގެ ތައްޔާރީތައް މިހާރު ގެންދަނީ ކުރަމުންނެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގެ އެއް އެޕިސޯޑެއްގައި އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މި ދެ މީހުންގެ ލޯބީގެ ވާހަކަތަކުގެ ތެރެއިން ސަޕޯޓަރުންނަށް ނޭނގޭ ގިނަ ވާހަކަތަކެއް މި ޝޯގައި މި ދެތަރިން ހާމަކުރާނެ ކަމަށްވެ އެވެ. އަދި ވިކީ ކޯޝަލް އާއި ކެޓުރީނާ ކައިފް ބައިވެރިވާ އެޕިސޯޑެއް ވެސް ޝޫޓްކުރަން ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.