ބޮލީވުޑް

ކަރަންގެ އާ ފިލްމުން ރޯލެއް އަރްޖުން ބިޖިލާނީ އަށް

ކަރަން ޖޯހަރް މިހާރު އުފައްދަމުންދާ ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ރޯލެއް ޓީވީ އެކްޓަރު އަރްޖުން ބިޖިލާނީ އަށް ލިބިއްޖެ އެވެ.

"މިލޭ ޖަބް ހަމް ތުމް" އާއި "މެރީ އާޝިގީ ތުމް ސެ ހީ" ފަދަ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ އަރްޖުން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މި ވާޙަކަ ވަނީ ހިއްސާ ކޮށްފަ އެވެ. އަދި ކަރަން ޖޯހަރްގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަން އަށް މަރުހަބާ ކިޔައި ކަރަން އަތުން ލިޔެ އަރްޖުން އަށް ފޮނުވާފައިވާ ނޯޓެއް ވެސް އަރްޖުން ވަނީ ޝެއާ ކޮށްފަ އެވެ.

މި ނޯޓްގައި ކަރަން ވަނީ އޭނާގެ ފިލްމުގައި ބައިވެރިވާން އެއްބަސްވީތީ އަރްޖުން އަށް ޝުކުރުއަދާކޮށް އަދި ކުރިމަގުގައި އަރްޖުން އާއެކު އިތުރު މަސައްކަތްތަކެއް ކުރަން އޭނާ އުންމީދު ކުރާ ކަމަށް ބުނެފަ އެވެ.
ކަރަންގެ ފިލްމެއް ލިބުމުން ވީ އުފަލުން އަރްޖުން ޕޯސްޓްކުރި މެސެޖެއްގައި މިފަދަ ފުރުސަތެއް ދިނީތީ ކަރަން އަށް ޝުކުރު އަދާކޮށް އަދި ކަރަން އާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވެއްޖެ ކަމަށް ބުނެފައި ވެއެވެ.

އަރްޖުންގެ އިތުރުން މަޝްހޫރު ސިލްސިލާ "ކުންޑްލީ ބާގްޔާ"ގެ ބަތަލާ ޝްރަދާ އާރިޔާ އަށް ވެސް ކަރަންގެ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" އިން ރޯލެއް ވަނީ ލިބިފަ އެވެ.

ކަރަން އަތުން ލިޔެ ޝްރަދާ އަށް ފޮނުވާފައިވާ ނޯޓު އޭނާ ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. މި ޕޯސްޓުގައި ކަރަން ވަނީ ދަރްމާ ޕްރޮޑަކްޝަން އިން ޝްރައްދާ އަށް މަރުހަބާ ކިޔާފަ އެވެ.