ބޮލީވުޑް

ބިގް ބޮސް އޯޓީޓީ ޓްރޮފީ ދިވްޔާ އަގަރްވާލަށް

އޯޓީޓީ ޕްލެޓްފޯމްގައި ދެއްކި "ބިގް ބޮސް" ގެ ފުރަތަމަ ސީޒަންގެ ޓްރޮފީ ދިވްޔާ އަގަރްވާލް ހިއްލާލައިފި އެވެ. ދިވްޔާ އާ އެންމެ ކައިރިން މި ޓްރޮފީ އަށް ވާދަކުރީ ނިޝާންތު ބަޓް އާއި ޝަމީތާ ޝެޓީ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އޮތް ޝޯގެ ގްރޭންޑް ފިނާލޭގައި ފަސް މީހަކު ފައިނަލްގައި ވާދަކުރި އެވެ. އޭގެ ތެރެއިން ޕްރަތީކް ސޭޖްޕާލް އަށް ލިބުނު ފުރުސަތުގެ ބޭނުންކޮށް އޭނާ ވަނީ ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް" ސީޒަން 15 ގައި ބައިވެރިވުމުގެ ޓިކެޓެއް ލާފައި އޮތް ބްރީފްކޭސް ގަބޫލުކޮށް އެންމެ ފަހު ވަގުތު ޝޯ އަށް އަލްވަދާއު ކިޔާފަ އެވެ.

ޝޯގެ އެއްވަނައަށް ދިޔަ ދިވްޔާ އަށް ވެސް ކަލާޒް ޓީވީގެ "ބިގް ބޮސް 15"ގައި ބައިވެރިވުމުގެ ފުރުސަތު އޮޓޮމެޓިކުން ވަނީ ލިބިފަ އެވެ.
"ބިގް ބޮސް" ސީޒަން 15 ފަށަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެވެ. ޕްރަތީކް ވަކިވުމުން ބާކީ ހުރީ ރާގޭޝް ބާޕަޓް އެވެ. އެހެންވެ އޭނާއަށް ހަތަރުވަނަ ލިބުނީ އެވެ.

ބިގް ބޮސްގެ ގޭގައި މިފަހަރު އެންމެ ގަދަޔަށް ހިނގީ ރާގޭޝް އާއި ޝަމީތާގެ ލޯބީގެ ވާހަކަ އެވެ. އެހެންކަމުން ފިނާލޭގައި ވެސް މި ދެ އެކްޓަރުން ވަރަށް ރޮމެންޓިކް ލަވައެއް ޕާފޯމް ކުރި އެވެ.

ޝޯގެ ހޯސްޓް ކަރަން ޖޯހަރް އާއެކު ގްރޭންޑް ފިނާލޭގައި މެހެމާނުންގެ ގޮތުގައި ބައިވެރިވީ އެކްޓަރު ދެމަފިރިން ކަމަށްވާ ރިތޭޝް އާއި ޖެނީލިއާ ދޭޝްމުކް އެވެ.

މިފަހަރުގެ ބިގް ބޮސް އަކީ ވަރަށް މަޖާ މުނިފޫހިފިލި ޝޯއެއް ކަމަށް ވަރަށް ގިނަ މީހުން ބުނެފައި ވެއެވެ. ޝޯގެ ބައިވެރިން ބިގް ބޮސްގެ ގޭގައި ހޭދަކުރި ހަ ހަފުތާ ތެރޭ ކޮންމެ ބައިވެރިޔަކުވެސް ވަނީ ޝޯގައި ދެމި ހުރުމަށް އެމީހަކަށް ކުރެވުނު ހުރިހާ ކަމެއް ވެސް ކޮށްފަ އެވެ. ނަމަވެސް މުޅި ޝޯ ވޮމިނޭޓްކުރީ ނިޝާންތަށް އެންމެ ފަހު ވަގުތު މި ވަނީ ލަނޑު ލިބި ދިވްޔާ އަށް ޓްރޮފީ ލިބިފަ އެވެ.