ބޮލީވުޑް ބަތަލާ ޕަރިނީތީ ޗޯޕްޅާ ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވީ ރިއަލިޓީ ޝޯ "ހުނަރުބާޒު – ދޭޝް ކީ ޝާން" ގެ އަންނަ ހަފުތާ ބަންދުގައި ދައްކާ އެޕިސޯޑުގައި ޕަރިނީތީ އާ ކައިވެނިކުރަން އެދޭ މީހުންގެ ތެރެއިން އޭނާ ކައިވެނި ކުރާނެ މީހަކު ހޯދުން އޮންނާނެ އެވެ. އޭނާ ކައިވެނިކުރަން ބޭނުން ކަމަށާއި ނަމަވެސް އޭނާ އާ ގުޅޭ އެންމެ ފުރިހަމަ މީހަކު ނުލިބިގެން ކައިވެނި ނުކުރެވިގެން އުޅެނީ ކަމަށް ޕަރިނީތީ ވަރަށް ގިނައިން ބުނެފައި ވެއެވެ. އެހެންވެ މި ޝޯގެ އޮގަނައިޒަރުން މިފަހަރު ޕަރިނީތީ އާ ކައިވެނިކުރަން ބޭނުންވާ ބައެއްގެ މެދުގައި މުބާރާތެއް ބާއްވައިގެން ޕަރިނީތީ އަށް ކަމުދާ މީހެއް ވޭތޯ ބަލަން ނިންމީ އެވެ.
ޕަރިނީތީގެ ސުވަޔަމްވަރް (ކައިވެނިކުރާނެ މީހަކު ހޮވުމުގެ މުބާރާތް) ގައި ބައިވެރިވާ މީހުންގެ ތެރޭގައި "ކުމްކުމް ބާގްޔާ" އެކްޓަރު އަރްޖިތު ތަނޭޖާ އާއި "ބޭގަސޫރައި" އެކްޓަރު ވިޝާލް އަދިތުޔާ ސިންގް، "ބިގް ބޮސް 13"އިން މަޝްހޫރުކަން ހޯދި ސިދާރްތާ ޑޭ އަދި "ޚަތުރޯން ކޭ ކިލާޅީ 10"ގެ ބައިވެރިއެއް ކަމަށްވާ ޝިވިން ނާރަންގް ހިމެނެ އެވެ.
މި ހުރިހާ އެންމެން ވެސް ޕަރިނީތީ އަށް މާ ހަދިޔާކޮށް އޭނާއާއެކު ނަށާ އަދި އޭނާގެ ހިތް އަތުލަން ވަރަށް ގިނަ ކަންތައްތައް މި ޝޯގައި ކުރާނެ އެވެ.
ޕަރިނީތީގެ ފިރިއަކަށް ވާހިތުން މި މުބާރާތުގައި ބައިވެރިވި މީހުން ޖަޖްކޮށް އޭގެ ތެރެއިން އެންމެ ރަނގަޅު މީހަކު ހޮވުމުގައި "ހުނަރުބާޒު"ގައި ޕަރިނީތީ އާއެކު ފަނޑިޔާރުކަން ކުރާ ކަރަން ޖޯހަރް އާއި މިތުން ޗަކްރަބަތީ އަދި ޝޯގެ ހޯސްޓުން ކަމަށްވާ ބާރްތީ ސިންގް އާއި ހަރްޝް ލިމްބާޗިޔާ ވެސް އޭނާއަށް އެހީވާނެ އެވެ. އަދި މި އެޕިސޯޑުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ވެސް ބައިވެރިވާނެ އެވެ.