މަސްވެރިން

ދެކުނުގެ މަސްވެރިންނާ ރައީސް ބައްދަލުކުރައްވަނީ

May 5, 2022
1

ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދީފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެންމެ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ފަރެސްމާތޮޑާ ކައުންސިލް ރައީސް އަހްމަދު އިމްތިޔާޒު ވިދާޅުވީ ދެކުނުގެ މަސްވެރިން ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް މިމަހުގެ އައްވަނަ ދުވަހަށް އެޕޮއިންޓްމަންޓް ދެއްވާފައިވާ ކަމަށެވެ.

ރައީސްއާ ބައްދަލުކުރާ މަސްވެރިންގެ ތެރޭގައި ހުވަދޫއާއި އައްޑޫ ސިޓީގެ މަސްވެރިން ހިމެނޭނެ ކަމުގައި އިމްތިޔާޒު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"މިރޭ އަޅުގަނޑުމެން މި ފުރަނީ މާލެ ދާން ރައީސްއާ ބައްދަލުކުރަން. ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުންތަކާއި ހުށަހެޅުންތައް ރައީސް ސޯލިހާ ހިއްސާކުރެއްވުމަށް މަސްވެރިން ވަރަށް ރަނގަޅަށް ޕޭޕަވާކްސް ހަދާ ހުށަހެޅުންތަކާ ގުޅޭ ފީޒިބިލިޓީ ވެސް ހަދާފައިވަނީ. ރައީސް އަށް ކަންކަން ވިސްނައިދީ އަންގައިދެވޭ ވަރަށް މަސްވެރިން ވަނީ ކަރުދާހުގެ މަސައްކަތް ވެސް ފުރިހަމަކޮށްފައި،" އިމްތިޔާޒު ވިދާޅުވި އެވެ.

އިމްތިޔާޒު ވަނީ ހުވަދޫގެ ބައެއް މަސްވެރިންނާ އެކު އައްޑޫ އަށް ދަތުރުކޮށް ދެކުނުގެ މަސްވެރިން ކުރަމުންދާ މަސައްކަތްތަކަށް އައްޑޫ ސިޓީ ކައުންސިލްގެ ތާއީދު ހޯދުމަށްވެސް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ރައީސް ސޯލިހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ޕެޓިޝަންގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގައި އެ ދެ ކައުންސިލްގެ ބައެއް ކައުންސިލަރުން ވަނީ ސޮއިކުރައްވާފަ އެވެ. އަދި އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ގިނަ މަސްވެރިންނާއި އޮޑިވެރިން ވެސް ޕެޓިޝަންގައި ސޮއިކޮށްފައިވެ އެވެ.

ދެކުނުގެ މަސްވެރިންގެ ފަރާތުން އިސްކޮށް މަސައްކަތް ކުރަމުންދާ ފަރެސްމާތޮޑާގެ މަސް ދޯންޏެއް ކަމަށްވާ ގެލަރީމިޝަންގެ ވެރިޔާ އަދި ކެޔޮޅު އަހްމަދު ޒައިން ބުނީ ރައީސް ސޯލިހާ އެކު ބާއްވާ ބައްދަލުވުމުގައި ދެކުނުގެ މަސްވެރިންގެ ފަރާތުން ޕެޓިޝަނަކާއި މުހިއްމު ހުށަހެޅުމެއް ހުށަހަޅާނެ ކަމަށެވެ.

ޒައިން ބުނީ ދެކުނުގެ ވަރަށް ގިނަ މަސްވެރިންނަށް އެއްބަސްވެވޭތީ ގދ. ފިޔޯރީ އާއި ވެހެލީއާ ދެމެދުން ގދ. އަތޮޅަށް ވަދެވެން އޮންނަ ކަނޑުއޮޅި ކައިރީގައިވާ ފަޅުގައި މަސް ފިނިކޮށް ރައްކާކުރެވޭ ތަނެއް ހަދައިދިނުމަށް ރައީސްއަށް ހުށަހަޅާ ހުށަހެޅުމަކީ މަސްވެރިންގެ އެންމެ ބޮޑު ހުށަހެޅުން ކަމަށެވެ. މީގެއިތުރުން މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކާއި ބާނާ މަސްކޮޅު ނުކިރި އުކާލަންޖެހޭ މައްސަަލައާއި އަދި އެހެން ބައެއް ކަންބޮޑުވުންތައް ވެސް ރައީސް ސޯލިހާ ހިއްސާކުރާނެ ކަމަށެވެ.

"މިހާރު އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ދެކުނު ބިތުގެ މަސްވެރިން ވަރަށް ދިގު ދަތުރެއް ކޮށްފައި މަސް ކިރަން މިދާންޖެހެނީ ހުވަދޫގެ އުތުރު ބިތުގައި އޮތް ކޫއްޑޫއަށް. ފަރެސްމާތޮޑާއާ ދިމާލުން ފުރައިގެން ކޫއްޑޫ އަށް ދާން އެކަނިވެސް ހަތަރުވަރަކަށް ގަޑިއިރު މިހާރު އެބަ ހޭދަވޭ. ގަވައިދުން މަހަށް ފުރާ ދޯންޏެއްނަމަ މިބުނާ ދަތުރަށް އެކަނިވެސް އަހަރަކު 10 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ތެޔޮ އަންދަންޖެހޭ. މިއީ ވަރަށް ބޮޑު ގެއްލުމެއް،" ޒައިން ބުންޏެވެ.

އޭނާ ބުނީ ރައީސްއަށް ހުށަހަޅާ ހުށަހެޅުމަށް ސަރުކާރުން ނޫނެކޭ ބުނެފިނަމަ ދެކުނުގެ މަސްވެރިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މަސްވެރިން ތެދުވާނެ ކަމަށެވެ. ދެކުނުގެ މަސްވެރިން ކުރަމުންދާ މަސައްކަތްތަކަށް އުތުރުގެ މަސްވެރިން ގުޅައި ހިތްވަރުދީ ދެކުނުގެ މަސްވެރިންނާ އެކު ތިބިކަން ހާމަކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑުމެން ނުބުނާނަން ރައީސް އަރިހުގައި ވަކި ވަރެއްގެ ސްޓޯރޭޖެއް ހަދައިދޭކަށް. އެކަމަކު ދެކުނު މަސްވެރިން ބާނާ މަސް ގަނެފައި ރައްކާކޮށްފައި ބެހެއްޓޭ ވަރުގެ ތަނެއް ހަދައިނުމަށް ރައީސް އަށް ހުށަހަޅާނަން. އަޅުގަނޑުމެންގެ މިމަސައްކަތަށް އައްޑޫއާއި ފުވައްމުލައް އަދި ހުވަދޫގެ މަސްވެރިންނާއި އޮޑިވެރިންގެ ފުރިހަމަ ތާއީދު އެބައޮތް. އަދި ސަރުކާރަށް އެކަން ކުރެވޭނެ ގޮތްތައް ވެސް ހުށަހެޅުމުގައި ބުނެދީފައިވާނެ،" ޒައިން ބުންޏެވެ.

ދެކުނުގެ މަސްވެރިން ރައީސް ސޯލިހާ ބައްދަލުކުރަން ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ބޭފުޅުން ހުވަދު އަތޮޅަށް ދަތުރުކޮށް ހުވަދޫގެ މަސްވެރިންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައި ވަނިކޮށެވެ.