މޯލްޑިވްސް ޕޮލިސް ސާވިސް

މަގުމައްޗަށް އިންޑިއާ އައުޓް ކަރުދާސްއެޅި މައްސަލަ ބަލަނީ

May 5, 2022
2

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ޝިއާރު ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ އެކި މަގުތަކަށް އެޅި މައްސަލަ ބަލަން ފަށައިފި އެވެ.

އިންޑިއާ އައުޓް ޖެހި ކަރުދާސް ތަކެއް މިއަދު ފަތިހު އަޅާފައިވަނީ ރައީސް އޮފީހާއި، އިންޑިއާ ހައިކޮމިޝަންގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށްވާ ގޮތަށެވެ.

ފުލުހުން ބުނީ މިއަދު ފަތިހު އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން އަދި ބުނެފައެއް ނުވެ އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ދައުލަތުގެ އިދާރާތަކަށް ވަނީ އެ ހަރަކާތް ހުއްޓުވަން އަންގަވާފަ އެވެ.

ރައީސްގެ ގަރާރަށް ފަހު ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަހައްދުގައި އިންޑިއާ އައުޓް ޖަހައިގެން ހަރުކޮށްފައިވާ ބެނާތަކާއި އިންޑިއާ އައުޓް ރަމްޒުވާ ގޮތަށް ހުރި ބެނާތައް ވެސް ނަގަން ފަށާފަ އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ހަރަކާތް ނުހުއްޓާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.