ލައިފްސްޓައިލް

މަންމަގެ މަހާނަކައިރީ ކައްވަޅު ކޮނެގެން މަރުގެ އިންތިޒާރުގައި

ރިޓަޔާ ވެފައިވާ ފުލުސް އޮފިސަރެއް އޭނާގެ މަންމަގެ މަހާނަ ކައިރީގައި އެހެން މީހުންނާ ވަކިން ދިރިއުޅެން ފަށައިފި އެވެ. ޝެއިޚް މުޖީބު ސާހެބް ނަމަކަށް ކިޔާ މި މީހާ އަކީ އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ ޕުތާލާޕައްޓޫ ޓައުނުގެ ޕަޓޫރޫ އަވަށުގެ މީހެކެވެ. އޭނާގެ އުމުރު އުޅެނީ 70 އަހަރަށް ވުރެ މަތީގަ އެވެ.

މުޖީބުގެ ތިއަރީއަކީ މި ފަނާވަނިވި ދުނިޔޭގައި އެއްވެސް އެއްޗެއް ދާއިމަށް ދެމި ނޯންނާނެ އެވެ. އޭނާ ފުލުހުންގެ ވަޒީފާއިން ރިޓަޔާވީ 2010 ވަނަ އަހަރު އެވެ.

އޭނާގެ މަންމަ އާއި ބޭބެގެ މަހާނަ ހުރީ އެމީހުންގެ އަމިއްލަ ދެ އޭކަރުގެ ބޮޑު ދަނޑެއްގަ އެވެ. އެ ދަނޑުގައި ހުރީ މުޅިން ވެސް އަނބު ގަހެވެ. މިގެ 20 ވަރަކަށް އަހަރު ކުރިން މަންމަ މަރުވުމުން އެ ދަނޑުގައި މަންމަ ވަޅުލައި މަހާނަ ހެދުމަށްފަހު މަންމަގެ މަހާނާ އާ ކައިރީގައި މުޖީބު އޭނާގެ މަހާނަ ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

މުޖީބުގެ މަހާނަ މަތީގައި މަތިގަނޑެއް ޖަހާފައި ވެއެވެ. ކޮންމެ މީހަކަށް ވެސް ފަސޭހައިން އުފުލާލުމަށްފަހު ގަބުރު އޭގެ ތެރޭގައި ވަރަށް ފަސޭހައިން ބާއްވާ ލެވޭ ފަދަ ގޮތަކަށް ނަޖީބު އެތަން ތައްޔާރުކޮށްފައި ވެއެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މުޖީބު ބުނީ ފުލުސް ޑިޕާޓްމަންޓުގައި މަސައްކަތްކުރިއިރު ވަރަށް ހިތަށް އުނދަގޫވާ ޒާތުގެ ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވުނު ކަމަށެވެ. ފަނާވަނިވި ދުނިޔެއާ ވީހާވެސް ދުރުގައި އަޅުކަމުގައި ގިނަ ވަގުތު އޭނާ ހޭދަކުރަން ފެށީ އެހެންވެ ކަމަށެވެ.

އޭނާ ބުނާ ގޮތުގައި އެމީހަކު ބޭނުންވިޔަސް ނުވިޔަސް މަރު އެމީހަކާ އަރާ ހަމަކުރާނެ އެވެ. އެހެންވީމާ މަރު ދެކެ ބިރުގަތުމަކީ މާނައެއް ހުރި ކަމެއް ނޫނެވެ. މިހާރު އޭނާ ގިނަ ވަގުތު ހޭދަކުރަނީ އޭނާ ތައްޔާރުކޮށްފައިވާ ސަންދޯގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

އަނބުގަސްތަކުގެ މެދުގައި ހުރި މި މަހާނަވަނީ ކުލަޔާއި ދަވާދު ލައި ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފަ އެވެ. އިބުރަތްތެރި ޝިއާރުތައް މި މަހާނައިގެ ފާރުތަކުގައި ލިޔެފައި ވެއެވެ. މީހަކު ތިމާއަށް އެހީތެރިވެދޭތޯ ނުވަތަ ނޫންތޯ ނުބަލައި މީހުންނަށް އެހީތެރިވުމަށާއި ދީލަތިވުމަށް އިލްތިމާސްކޮށްފައިވާ ލިޔުންތަކެވެ.