އެމްޑީޕީ

ނަޝީދުގެ ސެކިއުރިޓީ އިންތިޒާމުތައް އެމްޑީޕީއަށް ރަނގަޅު

May 6, 2022
3

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެމްޑީޕީން މަރުހަބާ ކިޔައިފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް އިއްޔެއަށް އެއް އަހަރުފުރުމާ ދިމާކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފަ އެވެ. އެފިޔަވަޅުތަކާ މެދު އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަގުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށްވެސް އެމްޑީޕީން ދެކެ އެވެ.

"ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވިކަމަށްޓަކައި ﷲ އަށް ހަމްދާއި ޝުކުރު ހުއްޓެވެ. ރައީސް ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް ކަމުގައި މި ޕާޓީން ދެކެމެވެ. އެހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް، އެކަމުން ލިބިވަޑައިގެންނެވި އަނިޔާތަކާއި، އެހާލަތުން އަރައިގަތުމަށްޓަކައި ރައީސް ނަޝީދު ދެއްކެވި ހިތްވަރުފުޅު ފާހަގަކޮށް، މިޕާޓީން އެމަނިކުފާނާ މެދު ފަހުރުވެރިވަމެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ އެމަނިކުފާނަކީ އިސްލާމްދީނުގެ އަދުއްވެއް ކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން މިހާތަނަށް ހިންގި ތަހުގީގުން އެނގޭ ކަމަށެވެ. މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު އަންގައިދޭ ކަމަކަށްވާތީ އެހަރުކަށި ވިސްނުން ނައްތާލުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް އެމްޑީޕީން ދެކެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނުއިރު އެމައްސަލައާއި ގުޅިގެން ކުރަމުން ގެންދާ ތަހުގީގު އަވަހަށް ފުރިހަމަކުރުމަށާއި، މިހާތަނަށް ދައުވާ އުފުލާފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ބަޔާނުގައި ގޮވާލާފައިވެ އެވެ. މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއް ކަމުގައި ދެކި އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްވެސް އިދާރާތަކަށް ގޮވާލާފައިވެ އެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނަޝީދަށް ދެވުނު ހަމަލާއަކީ ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާ އެވެ.

"މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުގީގަކުން މެނުވީ އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭ ކަމަށްވެސް މިޕާޓީން ދެކެމެވެ. ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ފަދަ ހަމަލާއެއް މިގައުމުގައި ތަކުރާރުވުމަކީ މިޕާޓީއާއި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގައުމީ ލޯބި ހުރި އެއްވެސް ރައްޔިތަކު އެދޭނޭ ކަމެއް ނޫނެވެ" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ބަޔަކަ ހިންގި އަމަލެއް ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ. އަދި މި އަމަލުގެ ފަހަތުގައި ތިބެގެން ހަރަދުކުރި ބަޔަކު މިއަދާ ހަމައަށްވެސް ހޯދިފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުގީގު ފުޅާކޮށް އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް ވެސް ގޮވާލާފައިވެ އެވެ.