ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިދުމަތްތެރިންގެ ނަމޫނާ ޒުވާނުން ބަލައިގަންނަންޖެހޭ: ރައީސް

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބޭ ބޭފުޅުންނަކީ މިއަދުގެ ޒުވާނުންނަށް ނަމޫނާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވީ ޖަލްސާގައި ވަނީ 148 ބޭފުޅަކަށް އިނާމު ދީފަ އެވެ. އަދި 2021 ވަނަ އަހަރު ދެން ފެށި މި އިނާމު މިހާރު ވަނީ ޖުމްލަ 457 ބޭފުޅަކަށް ދީފަ އެވެ.

މިޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރާ ބޭފުޅުންގެ އަގުވަޒަންކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި 45 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް އެންމެ ފަހުން ބޭއްވި ޖަލްސާގައި މި ޝަރަފް ނޭރުވޭ ބޭފުޅުންނަށް މިއަދު އެ ޝަރަފް އެރުވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އެބޭފުޅުންގެ ހިދުމަތްތަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ބުރަދަނެއް އެކުލެވިގެންވާ ހިދުމަތެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި އިނާމު ލިބުނު ބޭފުޅުންގެ ތެރެއިން ދައުލަތަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ އަންހެން ބޭފުޅެއްކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިއަދު އިނާމު ލިބިގެން ދިޔަ ބޭފުޅުން އެއީ މިއަދުގެ ޒުވާނުން މިސާލެއް ކަމަށް ދެކެންޖެހޭ ބޭފުޅުން ކަމަށެވެ. އަދި މިބޭފުޅުން ފަދައިން ޒުވާނުންވެސް ވަޒީފާއަށް އިހްލާސްތެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.