އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކަށް ތާއީދުކުރައްވާ އެ ނިންމުންތަކާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަމަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިހެން ބުނެފައި މިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިގެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސް ކަމުން ވަކިކުރުމަށް ނިންމާ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި 54 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގައި ރައީސް ސޯލިހްގެ ވިސްނުންފުޅަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުުރުމުން މިއުވާން ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުމަކީ ރައީސް ސޯލިހް އެ ނިންމުމަކަށް އަމަލުކުރައްވާނެ ނިންމުމަކަށް ވާނެ ކަމަށެވެ.
މިއުވާން ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނާއި ރައީސް ސޯލިހާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށާއި އަދި ކަންކަމުގައި އަބަދުވެސް މެންބަރުންނާ ރައީސްއާ މަޝްވަރާ ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާތީ އެކަމުގައި ސަރުކާރުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. ސަބަބަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމާ ގުޅުންހުރި މުހިއްމު ބިލްތަކެއް މަޖިލީހަށް ހުށަހެޅި ކޮމިޓީތަކުގައި އެބިލްތައް ހުއްޓިފައިވުން ކަމުގައިވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. އަދި މަޖިލިސް ހިންގުމަށްޓަކައި ސަރުކާރުގެ ފަރާތުން ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ދޭނޭ ކަމުގައިވެސް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ މި ގައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޔަގީންކުރައްވާނެ އެންޝުއާކުރައްވާނެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުވަތަ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެއްވެސް ހުރަހެއް ނެތި ގާނޫނީ އިމުގެ ތެރޭގައި ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް،" މިއުވާން ވިދާޅުވި އެވެ.