ދިވެހި ސިނަމާ

ބިރުވެރި ވާހަކަ؛ ޝައިތޯނާ ދައްކާލައިފި

ޓީވީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އަދި މިހާރު ފިލްމް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އިލްޔާސް ވަހީދު (އިއްލެ) ގެ އައު ޕްރޮޖެކްޓަކީ "ބިރުވެރި ވާހަކަ" ސީރީޒް އެވެ. ދިރާގު ޓީވީ އިން ދައްކާ މި ސީރީޒްގެ މަސައްކަތަށް އިއްލެގެ ވަގުތު ހުސްކޮށްފައިވާއިރު އެ ސީރީޒްގެ ޕްރޮމޯޝަނަލް ލަވަ މިއަދު ވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

ޕްރޮމޯޝަނަލް ލަވަ އަކީ "ޝައިތޯނާ" އެވެ. ޒުވާން ލަވަކިޔުންތެރިޔާ އަންދަލާ ހަލީމްގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވަޔާއެކު "ބިރުވެރި ސީރީޒް" އަށް ކުރެވޭ އިންތިޒާރު ވީ އިތުރެވެ.

ލަވަ ވަރަށް ފުރިހަމަ އެވެ. މިއީ މި ފަހުން ފެނުނު އެންމެ މޮޅު އެއް ލަވައޭ ބުނެވިދާނެ އެވެ. ޕްރޮމޯޝަނަލް ލަވައިން ސީރީޒްގެ މުހިންމު ކެރެކްޓާތައް ދައްކާލައެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަ އާއި އައިޝަތު ރިޝްމީ އާއި ނުޒުހަތު ޝުއައިބް ފާހަގަކޮށްލެވއެވެ.

އަދި އަލަށް މި ދާއިރާއަށް ނިކުތް ވަރަށް ގިނަ ތަރިން ފެނިގެން ދެއެވެ.

މި ލަވައިން އެންމެ ފާހަގަކުރެވޭ އަނެއް ކަމަކީ ރުތުބާ އަހުމަދުގެ މޭކަޕްކުުރުމުގެ ކުޅަދާނަ ކަމެވެ. އަދި އޯކޭޒްއިންކްގެ ވަރަށް ފުރިހަމަ މަސައްކަތެއް ފެނިގެން ދެއެވެ. މި ހިތްގައިމު ލަވަ ޑައިރެކްޓް ކޮށްފައިވަނީ އިއްލެ އެވެ.

ވަރަށް ގިނަ ބަޔަކު ވަނީ އިއްލެގެ މި މަސައްކަތަށް ތައުރީފުކޮށްފައެވެ. މިހާތަނަށް ލަވަ ބެލި އެތައް ބަޔަކު ވަނީ ލަވަ ވަރަށް މޮޅު ކަމަށް ބުނެފައެވެ. ޓީވީ ދާއިރާއާ ފިލްމީ މަސައްކަތުގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންވެސް ވަނީ މި ލަވައަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އަވަސްއަށް އިއްލެ ބުނީ ޕްރޮމޯޝަނަލް ލަވައިން ނުފެންނަ ވަރަށް ގިނަ ތަރިން ސީރީޒް އިން ފެނިގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް "ބިރުވެރި ވާހަކަ" ދިރާގު ޓީވީ އިން ދައްކަން ފަށާނެ ކަމަށެވެ.