ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނު ކޮށްފި އެވެ. ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
އެ ގައުމުގެ މީޑިއާތަކުން ދެންމެ ބުނީ ރައީސް ގޯޓާބެ ރާޖަ ޕަކްސަ ކުއްލި ހާލަތު އިއުލާނު ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސްގެ ގަރާރަށް މިރޭ މެންދަމު 12 އިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.
ލަންކާގެ ހާލަތު ގޯސްވެ މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވުމުން މީގެ ކުރީންވެސް ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ. ކުއްލި ހާލަތު އިއުލާނުކޮށް ބޭރުގައި އުޅުން މަނާކުރިނަމަވެސް އެ ފަހަރުވެސް އެ އަމުރު ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ. ރުޅިގަދެވަފައިވާ ލަންކާގެ ރައްޔިތުން ގެންދިޔައީ އިހުތިޖާޖުތައް އިތުރަށް ބަރުގަދަ ކުރަމުންނެވެ.
ލަންކާގެ އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ހުށަހަޅާފައި އޮތް ހުށަހެޅުމަކީ ޝަރަފުވެރި ގޮތުގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވައި، ސަރުކާރު އުވާލައްވާފައި ގެއަށް ވަޑައިގަތުމެވެ. އެނޫން ގޮތެއްގައި ބޮޑުވަޒީރަށް އޮތީ އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތި ލެއްވުމެވެ.
އިދިކޮޅު ޕާޓީތަކުން ބުނި ގޮތަށް ބޮޑުވަޒީރަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނެގުމަށް ޕާލަމެންޓަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. ޚަބަރުތައް ބުނާ ގޮތުން މިއަދުގެ ވަގުތެއްގައި ވޯޓާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމާނެ އެވެ.
މުޒާހަރާކުރާ މީހުން ލަންކާގެ ހާލަތު ރަނގަޅު ކުރުމަށް ހުށަހެޅި ޝަރުތަކީ އާސަރުކާރެއް އެކުލަވާލުމެވެ. މާނައަކީ ރައީސް ގޯޓާބެ ރާޖަ ޕަކްސަ ވެސް މަގާމު ދޫކޮށްލެއްވުމެވެ. އެހެންކަމުން ބޮޑުވަޒީރު އިސްތިއުފާ ދެއްވާފައި އާ ކެބިނެޓެއް އެކުލަވާލުމަކުން ހަމަނުޖެހުންތައް ކޮޅެއްގައި ޖެހޭނެ ކަމަކަށް ނުފެނެ އެވެ.