އިންޑިޔާގެ މަޝްހޫރު ލަވަކިއުންތެރިޔާ އޭއާރް ރަޙްމާންގެ އަންހެން ދަރިފުޅު ހަދީޖާ ކައިވެނިކޮށްފި އެވެ.
ހަދީޖާ ކައިވެނިކޮށްފައިވަނީ އޯޑިއޯ އިންޖިނިއަރ ރިޔަސްދީން ޝެއިޙް މުޙައްމަދުއާ އެވެ.
ހަދީޖާގެ ކައިވެނި ފޮޓޯ އިންސްޓަރގްރާމްގައި ހިއްސާ ކުރަމުން އޭއާރް ރަޙްމާން ބުނެފައިވަނީ އެ ދެމަފިރިންނަށް ބައްޖަވެރި ހަޔާތެއް މިންވަރުކުރައްވާ، އެންމެންގެ ފަރާތުން ލިބޭނެ ހެޔޮދުއާއި ތަހުނިޔާއަށް ޝުކުރުވެރިވާ ކަމަށެވެ.
އިންސްޓަރގްރާމްގައި ޙިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ އޭއާރް ރަޙްމާންގެ އިތުރުން އަންހެނުން ސައިރާ ބާނޫ އަދި ހަދީޖާއާއި އޭނާގެ ފިރިމީހާ އިތުރުން އޭޢާރް ރަހްމާންގެ ދެ ކުދިންނެވެ. ފަހަތުން، އޭއާރް ރަޙްމާންގެ މަންމަ ޕޮޓޯ ޕްރޭމްއެއްގައި ފެނެއެވެ.
މަޝްހޫރް އެތައް ލަވަކިއުންތެރިންނެއް މި ދެމަފިރިންނަށް ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވައި މެސެޖްކޮށްފަ އެވެ. ލަވަކިއުންތެރިޔާ ޝްރިޔާ ގޯޝަލް ލިޔެފައިވާ މެސެޖްގައިވަނީ ހިތުގެ އެންމެފުންމިނުން ތަހުނިޔާ ކިޔާ އެ ދެމަފިރިންގެ ކައިވެނީގައި ބަރަކާތް ލެއްވުމަށް ދުއާކޮށްފަ އެވެ. މީގެއިތުރުން ހަރްޝްދީޕް ކޮއުރް އަދި ނީތީ މޯހަންވެސް ވަނީ އެ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖް ކޮށްފައެވެ.
ހަދީޖާ އާއި ރިޔަސްދީން އެންގޭޖްވެފައި ވަނީ މިދިޔަ ޑިސެންބަރ މަހު އެވެ. އެންގޭޖް ކުރި ޙަފްލާގައި ބައިވެރިކޮށްފައިވަނީ ހަމައެކަނި ގާތް ރަޙްމަތްރެރިންނާއި އާއިލާ މީހުންނެވެ.
ހަދީޖާ ވަނީ ބައެއް ތަމަޅަ ލަވަތައް ވެސް ކިޔާފަ އެވެ. އޭގެ ތެރޭގައި ފިލްމް އެންތިރަން -- ރޮބޮޓްގެ " ޕުދިޔާ މަނިދާ" ހިމެނެ އެވެ. 2019 ވަނަ އަހަރު ފާހަގަކުރެވުނު ސްލަމްޑޯގް މިލިނިއާގެ 10 ވަނަ އަހަރީ ހަފްލާގައި ހަދީޖާ މޫނުބުރުގާ އަޅާފައި ހުރުމުން އޭއާރް ރަހްމާންއަށް އެތައް ބައެއްގެ ނުރުހުމާއި ކުރިމަތިލާންޖެހުނެވެ. ނަމަވެސް އޭއާރް ރަޙްމާން ވަނީ އެމީހުންނަށް ރައްދުދިނުމުގެ ގޮތުން އޭނާގެ ދެ އަންހެން ކުދިންނާއި އަންހެނުންނާއެކު ޓްވިޓާގައި ފޮޓޯއެެއް ހިއްސާކޮށް އެއީ އެމީހުންގެ އަމިއްލަ މިނިވަންކަން ކަމުގައި ބުނެފަ އެވެ.