ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ތަރައްގީވެ ޖުމްލަ އެސެޓް ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުުރު ވެއްޖެ އެވެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގެ ޖުމްލަ އެސެޓުގެ އަގު ވަނީ 2.2 ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ.
ނަމަވެސް 2020 ގައި މި ސިނާއަތުގެ ޖުމްލަ އެސެޓް ހުރީ 1.8 ބިލިއަން ރުފިޔާގަ އެވެ. އަދި 2019 ވަނަ އަހަރު އެސެޓުގެ ހުރީ 1.7 ބިލިއަން ރުފިޔާގަ އެވެ.
މި ރިޕޯޓް ދައްކާ ގޮތުން ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގައި އެންމެ ގިނައިން އަދި އެންމެ ބޮޑު އަދަދުތަކުން ބަދަލުދޭ އެއް އިންޝުއަރެންސްއަކީ އަލިފާނުގެ ހާދިސާ ތަކަށް ބަދަލު ނަގައިދޭ ފަޔާ އިންޝުއަރެންސް އެވެ.
އިންޝުއަރެންސް ސިނާއަތުގެ 35 ޕަސެންޓް ހިއްސާ ކުރާ ފަޔާ އިންޝުއަރެންސް އިން މިދިޔަ އަހަރު ބަދަލުގެ ގޮތުގައި ދިން އަދަދު 44.2 މިލިއަން ރުފިޔާ އިތުރުވެ 13 ޕަސެންޓުގެ އިތުރުވުމެއް ވަނީ ލިބިފަ އެވެ.
މި އިންޑަސްޓްރީގައި އެންމެ ގިނައިން ޕްރިމިއަމް ދައްކާ އިންޝުއަރެންސެއްގެ ގޮތުގައި އޮތީ ހެލްތް އިންޝުއަރެންސް އެވެ. މި އިންޝުއަރެންސުން ޕްރިމިއަމްގެ ގޮތުގައި 54 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މީގެ އިތުރުން ދެން އެންމެ ގިނައިން ޕްރިމިއަމް ދައްކަމުން ގެން ދަނީ މެރިން ހަލް އާއި ކާގޯ އިންޝުއަރެންސް އެވެ. މި އިންޝުއަރެންސް އިން ޕްރިމިއަމްގެ ގޮތުގައި 17.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ރާއްޖޭގައި ފަސް އިންޝުއަރެންސް ކުންފުންޏަކުން ހިދުމަތް ދެ އެވެ. އެއީ އެލައިޑް އިންޝުއަރެންސް އާއި އަމާނާ ތަކަފުލް އަދި ސިލިންކޯ އިންޝުއަރެންސްގެ އިތުރު ސޮލަރެލް އާއި ދިވެހި އިންޝުއަރެންސް އެވެ.