އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) އަށް އަމާޒު ކުރައްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ދެއްކެވި ފުރައްސާރައިގެ ވާހަކަތައް ފައްޔާޒްގެ ކެމްޕެއިން ޓީމުން ކުށްވެރިކޮށްފި އެވެ.
ޗެއާޕާސަންގެ ކެމްޕެއިންގެ ފޯރިގަދަވެ ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންނާއި ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅުންވެސް ގެންދަވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އިބްރާހިމް ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިލަވެ ހަރުއަރާފައިވާ ޖިންސެއް ލައިގެން އަބަދު އުޅުމަކީ އަދި ގޭބީސީތަކަށް ވަނުމަކީ އެމްޑީޕީގެ މެންބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ސާފުތާހިރު ކަމުގެ ނަމޫނާ ދައްކާން ކޮންމެ މެންބަރަކުވެސް ބޭނުންވާނެ ކަމަށެވެ.
ރަޝީދު މި ޓްވީޓް ކުރެއްވީ ފައްޔާޒް އިސްމާއީލްގެ ފޮޓޯއަކާ އެކުގައެވެ. އެ ފޮޓޯގައި ފެންނަނީ އެމްޑީޕީ މެންބަރަކާ ވާހަކަ ދައްކަވަން ފައްޔާޒް ހުންނަވަނިކޮށެވެ. އޭރު ލައިގެން ހުންނެވީ ނޫ ކުލައިގެ ޖިންސެކެވެ. ބޮޑަށް ފުރައްސާރައިގެ ބަސްތައް ރައްދު ކުރެއްވީ އެ ޖީންސް ލައިގެން ހުރުމުންނެވެ. އެ ޓްވީޓްގައި އޭނާ ހުންނެވީ ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒް ފަހްމީ (އިންތި) އާއެކު ކަމަށް ވިދާޅުވެފައިވެއެވެ.
މި ވާހަކަތައް ކުށްވެރިކޮށް ފައްޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ވާދަވެރި ކެންޑިޑޭޓްގެ ކެމްޕެއިން ޓީމްގެ މެންބަރުން ފައްޔާޒަށް ފުރައްސާރަކުރުމުން ކުށްވެރި ކުރައްވާ ކަމަށެވެ.
ޗެެއާޕާސަންގެ ކެމްޕެއިންގެ ތެރެއިން ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައިވެސް ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދި މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގްރޫޕްގައި ވަރަށް ހުތުރު ބަހުން ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ. ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނަށް އަމާޒުކޮށް ހަށިވިއްކާ ކަމުގެ ތުހުމަތާއި ޒިނޭ ކުރާ ކަމުގެ ތުހުމަތު އަދި ރާބޯ ކަމުގެ ތުހުމަތުވެސް ބައެއް މެންބަރުން ކުރައްވާފައިވެއެވެ.
ބައެއް މެންބަރުންގެ ބަސް މަގު ހުރީ ދެން ދުވަހަކުވެސް އެ ބޭފުޅުންގެ ގުޅުން އަލުން ބަދަހިނުކުރެވޭނެ ފަދަ މޭރުމަކުންނެވެ.