މުހައްމަދު އަސްލަމް

ހައެއް މޭ ކޮމެޓީއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުން ފާޑުކިޔުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފާރަވެރިވުމަށް އެމްޑީޕީން އުފެއްދި ކޮމެޓީއާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ރައީސް ނަޝީދަށް ވަފާތެރި މެންބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ތަހުގީގަށް ފާރަވެރިވުމަށް އެމްޑީޕީން "ހައެއް މެއި ކޮމެޓީ" ގެ ނަމުގައި ކޮމެޓީއެއް އުފެއްދީ ގައުމީ މަޖިލީހުން ނިންމައިގެންނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް އިއްޔެ ވަނީ އެއް އަހަރު ފުރިފައެވެ.

އެކަމާއި ގުޅޭގޮތުން ޓީވީ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ އެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއާ ގުޅޭ ތަފްސީލް މައުލޫމާތު ހިއްސާކުރައްވާފައެވެ. މަޖިލީހުން އެ މަސައްކަތް ކުރިއަށް ގެންދެވީ އަސްލަމްގެ ބެއްލެވުމުގެ ދަށުންނެވެ. ކޮމެޓީގެ މުގައްރިރަކީ އަސްލަމް އެވެ.

"ހައެއް މެއި ކޮމެޓީ"އާ ގުޅޭގޮތުން ސުވާލު ކުރުމުން އަސްލަމް އެ ކޮމެޓީން އިތުރަށް ބެލޭނެ ކަމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި އެ ވާހަކަ ވިދާޅުވުމުން ބައެއް މެންބަރުން ހިތްހަމަޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ކޮމެޓީއަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ތަކުރާރުކޮށް ސުވާލު ކުރެއްވިއެވެ.

"ހައެއް މޭ ކޮމެޓީން އިތުރަށް ބަލާނެ ކޮން ބެލުމެއްތޯ އޮތީ އެއީ ސުވާލަކީ. ދެން ކޮމެޓީތައް ހެދިދާނެ ވަރަށް ބައިވަރު. އަދި މިކަން ބަލަން ޕީޕީއެމުންވެސް ކޮމެޓީއެއް ނަގާފައި އެކުލަވާލެވިދާނެ. އެއީ އެހެން ޕާޓީއެއްގެ ރައީސަކަށް ހަމަލާއެއް އައީމަ. އެހެންވީމަ އެކަހަލަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ،" މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު އެއް މެންބަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ހައެއް މޭ ކޮމެޓީގައި ތިއްބެވީ ވަރަށް ތަޖުރިބާކާރު ބޭފުޅުން ކަމަށާ ނަމަވެސް އެ ކޮމެޓީން ބަލާނެ ވަކި ކަމެއް ނެތް ކަމަށެވެ. އަސްލަމް އެހެން ވިދާޅުވީ މަޖިލީހުން ހާއްސަ އިންކުއަރީއެއް ހިންގިއިރު ސަރުކާރުންވެސް ވަރަށް އިސްކަން ދީގެން މައްސަލަ ބަލާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

ނަމަވެސް ނަޝީދުގެ ވަފާތެރި މެންބަރުންގެ ފާޑުކިޔުން އަސްލަމަށް އަމާޒުވީ އެ ވާހަކަތައް ގެންނެވި ގޮތުންނެވެ. އަސްލަމްގެ ވާހަކަ ކުރިއަށް ގެންދެވިއިރު ބައެއް ފަހަރު ހީނލައެވެ. ފާޑުކީ މެންބަރުން ވަނީ އަސްލަމް ދައްކަވަނީ އެހާ މަޖާ ވާހަކައެއްތޯ ސުވާލުކޮށްފައެވެ. އަދި އެފަދަ ސީރިއަސް ހަމަލާއެއްގެ ވާހަކަ ދައްކަވާއިރު އަސްލަމްގެ ކިބައިން އެފަދަ މިޖާޒެއް ފެނުން ގަބޫލު ނުކުރެވޭ ކަމަށެވެ.

ބައެއް މެންބަރުން ވަނީ އަަސްލަމަށް ސީރިއަސްކޮށް ނުނެންގެވުނަސް "މޭ ހައެއް ކޮމެޓީ" އަކީ ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން އުފެއްދި ކޮމެޓީއެއް ކަމަށް ބުނެ ރައްދު ދީފައެވެ. އަސްލަމްގެ ދިފާއުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ މުޅި ޕްރަގްރާމް އެއްކޮށް ބެލިންތޯ ސުވާލުކޮށްފައެވެ. އަދި ޕްރަގްރާމްގައި އަސްލަމް ދެއްކެވި މުހިންމު ވާހަކަތައް އަޑުނާހާ އެންމެ ތަންކޮޅެއް ބަލާ އެކަމަށް ގޮތް ނުނިންމުމަށް އެދިފައެވެ.

ގައުމީ މަޖިލީހުގެ 100 މެންބަރުންގެ ވޯޓާއެކު ޖޫން 10 ވަނަ ދުވަހުގެ ރޭ އުފެއްދި "މޭ ހައެއް ކޮމެޓީ" ގައި ހިމެނިވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މެންބަރަކާއި ވިލުފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ މެންބަރު އަފީފާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ. ނަޝީދުގެ ފަރާތްޕުޅުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީން ޝަފީގް އެވެ.

އެ ކޮމެޓީން ވަނީ ކަމާގުޅޭ ވަރަށް ގިނަ ބޭފުޅުންނާއި ބައްދަލުކޮށްފައެވެ. އަދި ހަފްތާއަކު އެއް ދުވަހު އެ ކޮމެޓީގެ މަސައްކަތް ގައުމީ މަޖިލީހާއި ހިއްސާކުރެއެވެ. ނަމަވެސް އެ ބައްދަލްވުންތަކަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ. ބައެއް ދުވަސްތަކުގައި ކޯރަމް ހަމަވަނީވެސް ކިރިއާއެވެ. އެއީ ސަރުކާރުން އަޑީގައި އޮވެ ގަސްތުގައި ކުރި ކަމެއް ކަމަށް ނަޝީދުގެ ވަފާތެރި މެންބަރުން ދެކެއެވެ.

އެ ބައްދަލްވުންތަކަށް މިނިސްޓަރުންނާއި ރައީސް ސޯލިހްގެ ވަފާތެރި މެންބަރުން ހާޒިރުނުވާތީ ކޮންމެ ރެއަކު ފާޑުކިޔުން އޮވެއެވެ.