ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން މިނިވަން ވެގެން ޖަލުން ނުކުންނަން ބޭނުން ނުވާ މީހަކު ފެންނާނީ ވަރަށް މަދުންނެވެ. އެންމެން ވެސް ބޭނުންވާނީ ކޮންމެ ގޮތެއް ހަދާފައި ވެސް ޖަލުގެ ތޭރިތަކުން ވީހާވެސް އަވަހަކަށް ސަލާމަތްވެ މުޖުތައަށް ނުކުންނާށެވެ. ނަމަވެސް ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ޖަލަށް ލާފައި ހުރި ކެންޔާގެ މުސްލިމް ދީނީ އިލްމުވެރިޔެއްގެ ވިސްނުން ހުރީ ވަރަށް ތަފާތު ގޮތަކަށެވެ. ކުށެއް ނެތްކަން ސާބިތުވެގެން ޖަލުން މިނިވަން ކުރަން ކޯޓުން ހުކުމް ކުރުމުން ވެސް އޭނާ ޖަލުން ނުކުންނާކަށް ބޭނުމެއް ނުވި އެވެ.
ގިޔޯ ގާސޯ ބުރޫ ނަމަކަށް ކިޔާ މި ދީނީ އިލްމުވެރިޔާ ޖަލުން މިނިވަންވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތްކަމަށް ކޯޓަށް ސާބިތު ވެގެނެވެ. ނަމަވެސް ޖަލުން ނުކުމެގެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ގައުމުގެ ސިއްރު އޭޖެންޓުން އޭނާ ވަގަށް ނަގައިގެން ގެންގޮސް މަރާލަފާނެ ކަމުގެ ބިރު އޮތީމަ އެވެ.
ކެންޔާގެ އެންޓި-ޓެރޯ ޕޮލިސް ޔުނިޓުން ގާސޯ ޖަލަށްލީ 2018 ގައެވެ. ޓެރަރިސްޓް ގްރޫޕެއް އުފައްދައި ކުރިއަރުވަން ބޭނުންވާ އާލާތްތަކެއް އޭނާގެ އަތުގައި ހުރި ކަމަށާއި ސޮމާލިއާގެ އަލް-ޝަބާބް ހަނގުރާމަވެރިންނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ.
ގާސޯ ޖަލުން ނުކުންނަން ބޭނުން ނުވާތީ އެ ވާހަކަ ބުނުމުން ފަނޑިޔާރު މިޝޭނީ ވިދާޅުވީ އޭނާ މިހާރު ހުރި ކަމީޓީ މެކްސިމަމް ޖަލުގައި ދެން އޭނާއަށް ހުރެވޭނީ ސަރުކާރަށް ފައިސާ ދައްކައިގެން ކަމަށެވެ.
އޭނާ ޖަލުގައި ބަހައްޓައި ދޭން އެދި ގާސޯ ހުށަހެޅި ލިޔުމުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާ މީހުން ސަލާމަތް ވެގެން ނުކުންނައިރަށް ވަގަށް ނަގައިގެން ގެންގޮސް މަރާލައި އޭނާގެ ވަސް ވެސް ވުޖޫދުން ފޮހެލާނެ ކަމަށެވެ. އޭނާ ޖަލުން ނުކުންނަން ބޭނުން ނުވަނީ އެ ސަބަބާ ހެދި ކަމަށެވެ. އެފަދަ ވަރަށް ގިނަ ހާދިސާތައް ހިނގާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.