ޑރ. އައިޝަތު އަލީ

ތައުލީމީ ފުރުސަތުތައް ހޯދަން މިނިސްޓަރު މެލޭޝިއާގައި

May 8, 2022
1

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޖޮހޯރު ސްޓޭޓްގެ ޗީފް މިނިސްޓަރު އޮން ހާފިޒް ޣާޒީއާއި އެ ސްޓޭޓްގައި ހިންގާ އެޑިއުސިޓީ އިސްކަންދަރުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު މެލޭޝިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ މިމަހުގެ 6 އިން 13 ވަނަ ދުވަހަށެވެ.

އައިޝަތު އަލީގެ މިދަތުރުފުޅުގައި ޖޮހޯރު ސްޓޭޓްގެ ޗީފް މިނިސްޓަރާ ބައްދަލުކުރެއްވީ ޗީފް މިނިސްޓަަރުގެ ރަސްމީ ގެކޮޅުގަ އެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ މައުލޫމާތު އެޑިޔުކޭޝަން މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެ އެވެ.

އޭޝިއާގެ ގައުމެއްގައި އެންމެ ފުރަތަމަ ތަރައްގީކުރި މަލްޓި ކެމްޕަސް އެޑިއުކޭޝަން ސިޓީގެ އެޑިއުސިޓީ އިސްކަންދަރަށް ވަޑައިގެން މިނިސްޓަރު ވަނީ އެތަނުގެ މެނޭޖިން ޑިރެކްޓަރު ވާން އަހްމަދު ސައިފުއްދީނާއި ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޕްރޮފެސާ ޑރ. ސަކީނާ ސޯފިއާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރާއްޖޭގެ ޓީޗަރުންނާއި ޕްރިންސިޕަލުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ހުރި ފުރުސަތުތަކާއި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.

މިނިސްޓަރުގެ މިޒިޔާރަތުގައި އެކަމަނާ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ވަނީ އެޑިއުސިޓީ އިސްކަންދަރުގެ އެޑިއުކޭޝަން ޕާޓްނަރުންނާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން ނެޓްވޯކިން ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެޑިއުސިޓީ އިސްކަންދަރަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ އެތަނުގައި ހުރި ފުރުސަތުތައް އޮޅުންފިލުއްވައި ތަނުގައި ގާއިމުކޮށްފައިވާ ވަސީލަތްތައް ބައްލަވާލައްވާފަ އެވެ.

ޑރ. އައިޝަތު އަލީ ވަނީ މެލޭޝިއާގެ އިދްރީސީ އިންޓަނޭޝަނަލް ސްކޫލާއި ޔުނިވަސިޓީ އޮފް ރީޑިން މެލޭޝިއާ އަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ.