ދިވެހި ސަރުކާރުން ހަމަޖައްސައިދީފައިވާ ސްކޮލާޝިޕްގައި މެލޭޝިއާގައި ތަމްރީންވަމުންދާ ދިވެހި ޕްރިންސިޕަލުންނާ ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައްދަލުކުރައްވައިފި އެވެ.
ދިވެހި ޕްރިންސިޕަލުން ތަމްރީން ވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ޔުނިވަސިޓީ އޮފް މަލާޔާގަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ އެބޭފުޅުންގެ ކިޔެވުން ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. ކޯހުގެ ކިޔެވުން ކުރިއަށްދަނީ ޖުމްލަކޮށް ވަރަށް ރަނގަޅަށް ކަމުގައި ޕްރިންސިޕަލުން މައުލޫމާތު ދެއްވި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ޕްރިންސިޕަލުން ތަމްރީން ކުރުމަށް ތިން އަހަރު ދުވަހަށް ބަހާލައިގެން މިސަރުކާރުން ފަށާފައިވާ ޕްރޮގްރާމުގެ ދަށުން މެލޭޝިއާގައި މިހާރު ތަމްރީންވަމުންދާ ޕްރިންސިޕަލުންނަކީ ފުރަތަމަ ބެޗުގެ ބައިވެރިންނެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިމަހުގެ 11 ވަނަ ދުވަހު އެކަމަނާ ވަނީ މެލޭޝިއާގެ އެޑިޔުކޭޝަން މިނިސްޓަރު މުހައްމަދު ރާޒީއާ ވެސް ބައްދަލުކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތައުލީމީ ދާއރާގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ޓެކްނިކަލް ވޮކޭޝަން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި ސްކޫލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމާއި އަދި ދެ ގައުމުގެ ދަރިވަރުން އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތްކޮށް ކަންކަން ތަޖުރިބާކުރުމުގެ އެކްސްޗޭންޖް ޕްރޮގްރާމެއް ފެށުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ.
މީގެއިތުރުން މިނިސްޓަރުގެ މިދަތުރުފުޅުގައި އެކަމަނާ ވަނީ މެލޭޝިއާގެ ޖޮހޯރު ސްޓޭޓްގެ ޗީފް މިނިސްޓަރު އޮން ހާފިޒް ޣާޒީއާއި އެ ސްޓޭޓްގައި ހިންގާ އެޑިއުސިޓީ އިސްކަންދަރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. މެލޭޝިއާގެ އިދްރީސީ އިންޓަނޭޝަނަލް ސްކޫލާއި ޔުނިވަސިޓީ އޮފް ރީޑިން މެލޭޝިއާ އަށް ވެސް މިނިސްޓަރު އައިޝަތު އަލީ ޒިޔާރަތްކުރައްވާފައިވެ އެވެ.