ޑރ. އައިޝަތު އަލީ

އައިޝަތު އަލީ މެލޭޝިއާގެ އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވައިފި

May 11, 2022
1

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓަރު މުހައްމަދު ރާޒީއާ ބައްދަލުކުރައްވައިފި އެވެ.

މެލޭޝިއާގެ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އައިޝަތު އަލީއާ އެކު މެލޭޝިއާ އަށް ވަޑައިގެންނެވި ދިވެހި ވަފްދުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތައުލީމީ ދާއރާގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ޓެކްނިކަލް ވޮކޭޝަން އެޑިޔުކޭޝަން ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި ސްކޫލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމާއި އަދި ދެ ގައުމުގެ ދަރިވަރުން އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތްކޮށް ކަންކަން ތަޖުރިބާކުރުމުގެ އެކްސްޗޭންޖް ޕްރޮގްރާމެއް ފެށުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތަކުގެ ވެރިންނާއި ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މެލޭޝިއާގެ ކަމާ ގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެއިތުރުން މިބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވަނީ މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ހޯދުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ އެކަމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ އެ ގައުމުގެ ޖޮހޯރު ސްޓޭޓްގެ ޗީފް މިނިސްޓަރު އޮން ހާފިޒް ޣާޒީއާއި އެ ސްޓޭޓްގައި ހިންގާ އެޑިއުސިޓީ އިސްކަންދަރުގެ އިސްވެރިންނާ ވެސް މީގެކުރިން ބައްދަލުކުރައްވާފަ އެވެ. މެލޭޝިއާގެ އިދްރީސީ އިންޓަނޭޝަނަލް ސްކޫލާއި ޔުނިވަސިޓީ އޮފް ރީޑިން މެލޭޝިއާ އަށް ވެސް މިނިސްޓަރު އައިޝަތު އަލީ ޒިޔާރަތްކުރައްވާފައިވެ އެވެ.